މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ކްލަބާއެކު ފަރިތަކުރަން ފަށައިފިއެވެ.

ނިމިދިޔަ ސީޒަނަށްފަހު ޗުއްޓީއަށްދިޔަ ގޮތަށް ރޮނާލްޑޯ ޔުނައިޓެޑާއެކު ޕްރީ ސީޒަނަށް ގުޅިފައިވަނީ މިދިޔަ ހަފްތާގައި ކަމަށްވާއިރު، މިއަދު އޭނާ ފުރިހަމަކޮށްފައިވަނީ ޕްރީ ސީޒަންގެ ފުރަތަމަ ފަރިތަކުރުންތަކެވެ.

ރޮނާލްޑޯ ޗުއްޓީގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައި ވަނީ އާއިލީ މައްސަލަތަކެއް ދިމާވެގެން ކަމަށް ޔުނައިޓެޑުން ބުނާއިރު، ރިޕޯޓްތައް ބުނާގޮތުން އޭނާ މަސައްކަތް ކުރީ ޔުނައިޓެޑް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވުމަށެވެ. ނަމަވެސް އޭނާއަށް އެހެން ކްލަބަކަށް ބަދަލުވެވޭ ގޮތެއް ނުވިއެވެ.

ޔުނައިޓެޑާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަނުވާއިރު، މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމާއެކު ކްލަބުން އޭނާ ބަހައްޓަން ބޭނުންވެއެވެ. އަދި ޔުނައިޓެޑުގެ އާ ކޯޗުވެސް ވަނީ ރޮނާލްޑޯއަކީ ޔުނައިޓެޑަށް މުހިންމު ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

"މަސައްކަތްތައް ކުރިޔަށް" ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންނާއެކު ފަރިތަކުރުމުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލުމަށްފަހު ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.