ބަޔާން މިއުނިކް އިން 3-5 ގެ ނަތީޖާއަކުން އާރްބީ ލީޕްޒިގް ބަލިކޮށް ޖަރުމަން ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ނިމިދިޔަ ސީޒަނުގެ ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން އަދި ޖަރުމަން ކަޕްގެ ޗެމްޕިއަން ލީޕްޒިގްއާ ދެމެދު ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ ބަޔާން އިންނެވެ. މިގޮތުން އެޓީމުން ދިޔައީ ލީޕްޒިގްގެ ގޯލަށް ނުރައްކާކޮށް ހަމަލާތައް އުފައްދަމުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ބަޔާން އިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ލޫކަސް ހެނާންޑޭޒްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ޖަމާލް މުސިއަލާއެވެ. އަދި އޭގެ 15 މިނެޓު ފަހުން ބަޔާންއަށް ލީޑު ފުޅާކޮށްދިނީ ސާޑިއޯ މާނޭއެވެ.

މި ލަނޑުތަކަށްފަހުވެސް ރަނގަޅަށް ކުޅެމުން ދިޔައީ ބަޔާން އިންނެވެ. މިގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެންޖަމިން ޕަވާޑް ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއާއެކު، ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއަކުން ލީޕްޒިގްގެ މައްޗަށް ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލީޕްޒިގް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން 59 ވަނަ މިނެޓުގައި މާސެލް ހެލްސްޓެންބާގްގެ ލަނޑު އެޓީމުން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް 66 ވަނަ މިނެޓުގައި ގްނާބްރީ ވަނީ އިތުރު ލަނޑެއް ބަޔާނަށް ކާމިޔާބުކޮށްފައެވެ.

ލީޕްޒިގްގެ ދެވަނަ ލަނޑު 77 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓޮފާ ކާމިޔާބުކުރިއިރު، 89 ވަނަ މިނެޓުގައި ތިން ވަނަ ލަނޑު ކާމިޔާބުކުރީ ޑެނީ އޮލްމޯއެވެ. މެޗުގެ އިތުރު ވަގުތުގައި ބަޔާންގެ ފަސްވަނަ ލަނޑު ޖެހީ ލީރޯއި ސާނޭއެވެ.

މި ނަތީޖާއާއެކު ބަޔާން އިން ވަނީ ޖަރުމަން ސުޕަކަޕް ޖުމްލަ 10 ފަހަރު ކާމިޔާބުކޮށްފައެވެ. އެޓީމުގެ ފަހަތުން އެންމެ ގިނަ އިން ޖަރުމަން ސުޕަ ކަޕް ހަ ފަހަރާއެކު ކާމިޔާބުކުރީ ބްރޫޝިއާ ޑޯޓްމަންޑްއެވެ. އަދި މިއީ ޖަރުމަން ސުޕަ ކަޕްގައި ލީޕްޒިގް ވާދަކުރި ފުރަތަމަ ފަހަރެވެ.