މެންޗެސްޓާ ޔުނައިޓެޑުން ޕްރީ-ސީޒަނުގެ ފަހު މެޗުގައި ރަޔޯ ވަޔޮކާނޯއާ ދެކޮޅަށް ކުޅުނު މެޗު ނުނިމެނީސް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ދިޔައީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްގެ ހުއްދައާ ނުލައިކަން ހާމަވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ ވަޔޮކާނޯއާ ދެކޮޅަށް ފުރަތަމަ ހާފްގައި ކުޅުނު ނަމަވެސް، ދެވަނަ ހާފަށް އޭނާ ވަނީ ބަދަލުކޮށްފައެވެ. މިގޮތުން އޭނާ ވަނީ ޔުނައިޓެޑުގެ ބައެއް އެހެން ކުޅުންތެރިންނާއެކު ސްޓޭޑިއަމް ދޫކޮށް ގޮސްފައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ރޮނާލްޑޯއަށް އަމާޒުވެފައިވާއިރު، ކޯޗު ޓެންހާގް ވަނީ މިއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި، ކުޅުންތެރިން ސްޓޭޑިއަމް ދޫކޮށް ގޮސްފައި ވަނީ އޭނާގެ ހުއްދައާ ނުލައި ކަމަށް ބުނެފައެވެ.

"ކްލަބުގެ ހުރިހާ ކުޅުންތެރިންވެސް ޓީމެއް ގޮތުގައި އުޅެން ޖެހޭނީ. މެޗު ނިމުނީމަ އެންމެން އެއްކޮށް ޓީމެއް ގޮތުގައި ދާންވެސް ޖެހޭނީ" ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑު ދޫކޮށް މި ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވާށެވެ. ނަމަވެސް އޭނާ ދޫކޮށްލަން ޔުނައިޓެޑުން ބޭނުންނުވުމުން އެކަމާ ރޮނާލްޑޯ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަދި އޭނާ ހޯދަން ކްލަބްތަކުން ނޫޅުމަކީވެސް ރޮނާލްޑޯއަށް އޮތް ގޮން ޖެހުމެކެވެ.

ޕްރީ-ސީޒަނުގެ ބޮޑުބައެއްގައި ރޮނާލްޑޯ ޔުނައިޓެޑާއެކު ނުފެންނައިރު، އޭނާ ކްލަބުގެ ފަރިތަކުރުންތަކާވެސް ގުޅުނީ ދާދި ފަހުންނެވެ. ނަމަވެސް މިއީ ޓެން ހާގް ބުނާގޮތުން މައްސަލައެއް ނޫން ކަމަށާއި، ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިޔެއް ކަމަށް ބުނެފައެވެ.

ރޮނާޅްޑޯ ވަނީ މިދިޔަ ސީޒަނުގައި ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.