އޭޝިއާގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަދި ފިލިޕިންސްގެ ލެޖެންޑް ލިޑިއާ ޑީ ވެގަ މާސެޑޯ މަރުވެއްޖެއެވެ.

އުމުރުން 57 އަހަރުގެ ލިޑިއާ މަރުވިކަން ކަށަވަރުކޮށް އޭނާގެ އަންހެން ދަރިފުޅު ބުނީ، އުރަމަތީ ކެންސަރާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމަ އަށްފަހު އިއްޔެގެ ވަގުތެއްގައި ލިޑިއާ މި ދުނިޔެ ދޫކޮށްފައިވާ ކަމަށެވެ.

އުރަމަތީ ކެންސަރަށް ލިޑިއާ ފަރުވާ ހޯދަމުން އަންނަތާ ހަތަރު އަހަރު ވެފައިވާއިރު، މަރުވެފައި ވަނީ ކެންސަރުގެ ކަންތައް އިތުރަށް ގޯސްވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިޑިއާ ވަނީ އޭނާގެ އެތުލެޓިކްސް ކެރިޔަރުގައި ގިނަ މެޑަލްތަކެއް ފިލިޕިންސްއަށް ހޯދައި ދީފައެވެ. އޭގެ ތެރޭގައި ސައުތު އީސްޓް އޭޝިއަން ގޭމްސް، އޭޝިއަން ގޭމްސް އަދި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ހިމެނެއެވެ.

އޭޝިއާގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ ލަގަބު ލިޑިއާ ހޯދީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. މިގޮތުން އޭނާ ވަނީ 1982 އަދި 1986 ވަނަ އަހަރު ބޭއްވުނު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.