އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ރާއްޖޭގެ އެތުލެޓިކްސް ޓީމުގެ ތިން ކުޅުންތެރިއަކު 200 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި މަހުގެ 25 އިން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތައް ބައިވެރިވާ މި ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލަށް ދަތުރުކުރީ ހަސަން ސާއިދު، މުޙައްމަދު މިންހާލް ޝާމިން އަދި އާމިނަތު ލަޔާނާ މުޙައްމަދު އެވެ.

މަޑަގަސްކަރާގެ އަލަރާބިއާ ސްޓޭޑިއަމްގައި މިއަދު މެންދުރު ފަހު ކުރިއަށްދިޔަ 200 މީޓަރު ދުވުމުގެ ހީޓުތަކަށް ބަލާއިރު، ފިރިހެނުންގެ ހީޓު ދޭއްގައި ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ރޭސް ނިންމީ ތިން ދުވުންތެރިންގެ ތެރެއިން ދެ ވަނައިގައެވެ. ސާއިދު މި ރޭސް ނިންމީ 21.64 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ މޮރީޝަސްގެ ދުވުންތެރިޔާ، ޖޯޝަން ރޯއިގެ ޓައިމިން އަކީ 21.57 ސިކުންތެވެ.

މި އިވެންޓްގެ ފައިނަލަށް ދެން ދަތުރުކުރީ މިވަގުތު ރާއްޖޭގައި ހުރި ޖޫނިއާ އެންމެ ބާރު ދުވުންތެރިޔާ، މިންހާލް އެވެ. ހީޓު އެކެއްގައި ވާދަކޮށް މިންހާލް ރޭސް ނިންމީ 22.41 ސިކުންތުންނެވެ. ހަތް އެތުލީޓުން ވާދަކުރި މި ހީޓުން މިންހާލް ދިޔައީ ހަތަރުވަނައަށެވެ. މި ހީޓުގެ އެއްވަނަ ހޯދީ 21.31 ސިކުންތުން ރޭސް ނިންމައިގެން މޮރީޝަސްގެ ބީބީ ގެރީ ޖެރެލް އެވެ.

200 މީޓަރު ދުވުމުގެ ހީޓު ތިނެއްގައި ވާދަކުރި ރާއްޖޭގެ ސްޕްރިންޓަރު، އިބްރާހިމް ނާހިލް ނިޒާރު ނިންމާލީ ފަސްވަނައިގައެވެ. އޭނާ ރޭސް ނިންމީ 22.75 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދީ ކޮމޮރޯސްގެ މާރޫފޫ ހަކީމް ރޭސް ނިންމީ 21.51 ސިކުންތުންނެވެ.

ރާއްޖޭން ދެން ފައިނަލަށް ދަތުރުކުރި އަންހެނުންގެ 200 މީޓަރު ދުވުމުގެ ހީޓު އެކެއްގައި ވާދަކުރި ލަޔާނާ ވަނީ ހަތް ދުވުންތެރިންގެ ތެރެއިން ހަތަރުވަނަ އަށް ރޭސް ނިންމާފައެވެ. ލަޔާނާ މި ރޭސް ނިންމީ 25.93 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހާސިލްކުރީ މަޑަގަސްކަރާގެ އެންޖަރޯސޮއާ ކްލޯޑިން އެވެ. އޭނާ ވަނީ 23.90 ސިކުންތުން ރޭސް ނިންމާފައެވެ.

އަންހެނުންގެ 200 މީޓަރު ދުވުމުގައި ރާއްޖޭން ދެން ވާދަކުރި އައިޝަތު ޝަބާ ސަލީމް އަށް ހީޓު ދޭކުން ލިބުނީ ހަވަނަ އެވެ. އޭނާ އަށް ރޭސް ނިންމުނީ 27.56 ސިކުންތުންނެވެ.