އެފްއޭއެމް ދެވަނަ ޑިވިޝަންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ބުރު ސްޕޯޓްސް ކްލަބް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިރޭ ގަލޮޅު ދަނޑުގައި ކުޅުނު ފައިނަލް މެޗު ބުރު ކާމިޔާބުކުރީ ފައިނަލުގައި ކްލަބް ޓީނޭޖްގެ މައްޗަށް 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބުރު ސްޕޯޓްސް ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ޑުރިޗް އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ ޓީނޭޖްގެ ގޯލު ކީޕަރު މުހައްމަދު ހަސަން އަބްދުލް ހާމިދުއެވެ.

މީގެއިތުރުން މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައި ވަނީ ކްލަބް ޓީނޭޖްއެވެ.

މި މުބާރާތުގައި ފުރަތަމަ ޑިވިޝަނަށް އެރުމުގެ އުންމީދުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްވެސް ވާދަ ކޮށްފައިވާއިރު، ވިކްޓްރީ ކަޓާފައި ވަނީ ގްރޫޕް ސްޓޭޖުންނެވެ. އަދި ނިއު ކެޓީ ސެމީ ފައިނަލާ ހިސާބުންނެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ބުރުއަށް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ސީދާ ނުލިބޭއިރު، އެޓީމު ވާދަކުރަން ޖެހޭނީ ކޮލިފައިންގައެވެ. އަދި ދެވަނަ ޑިވިޝަންގެ ދެވަނަ ހޯދި ޓީނޭޖްއަށް ވެސް ފުރުސަތު ލިބޭނެއެވެ.

މިގޮތުން ފުރަތަމަ ޑިވިޝަންގެ ކޮލިފައިންގައި ބުރު އަދި ޓިނޭޖްއާ ދެކޮޅަށް ނިކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ދަ ގްރާންޑޭ އެވެ.