ކޮރިންތިއަންސްގެ އެއްބަސްވުން އުވާލައި، ބްރެޒިލްގެ މިޑްފިލްޑަރު ފުލަމްއަށް ސޮއިކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ވިލިއަން ކޮރިންތިއަންސްއަށް ދެ އަހަރުގެ އެއްބަސްވުމަކަށް ބަދަލުވިއިރު، އޭނާ އެ ކްލަބާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލީ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮއްވައެވެ.

ވިލިއަންގެ ޑީލްގެ ހުރިހާ ކަމެއް ފުލަމް އިން ނިންމައި އޭނާ އެ ކްލަބަށް ސޮއިކޮށްފައި މިވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ކަމަށްވާއިރު، ވިލިއަންއާއެކު އެޓީމުގެ ސްކޮޑު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ކޮރިންތިއަންސް އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ވިލިއަން ވަނީ ހަ ސީޒަން ޝަހްތަރު ޑޮނެސްކްއަށް ވެސް ކުޅެފައެވެ. އޭނާ ޗެލްސީއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވިއިރު، އެ ކްލަބުގައި ހަތް ސީޒަން ވަނީ ހޭދަ ކޮށްފައެވެ.

އެނބުރި ކޮރިންތިއަންސްއަށް މިދިޔަ އަހަރު ބަދަލުވުމުގެ ކުރިން ވިލިއަން ވަނީ އެއް ސީޒަން އާސެނަލްއާއެކު ހޭދަ ކޮށްފައެވެ. ނަމަވެސް އޭނާއަށް ކޮރިންތިއަންސްގައި ތަފާތު ދެއްކިފައެއް ނުވެއެވެ.

ބްރެޒިލް ގައުމީ ޓީމަށް 70 މެޗު ކުޅެފައިވާ ވިލިއަން ވަނީ ޗެލްސީ އަދި ޝަހްތަރު ޑޮނެސްކްގައި ގިނަ ކާމިޔާބީތައް ހޯދާފައެވެ.