0-2 އިން ފިއޮރެންޓީނާ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނަ އަށް ޔުވެންޓަސް އަރައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 62 ޕޮއިންޓާ އެކުއެވެ. ނަމަވެސް ލީގުގައި މިރޭ ކުޅޭ މެޗުން ނަޕޯލީ މޮޅުވެއްޖެނަމަ އެޓީމަށް އަލުން އެއްވަނަ ލިބޭނެއެވެ.

ލީގުގެ ދެވަނައިގައި ނަޕޯލީ އޮތީ 60 ޕޮއިންޓާ އެކުއެވެ. ރޭގެ މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގައެވެ. ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ޔުވެންޓަސް އިން ވަނީ ލީޑު ނަގާފައެވެ.

ޔުވެންޓަސް އަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކުރިން ފިއޮރެންޓީނާ އަށް ކުޅުނު ފެޑެރީކޯ ބާނަޑެސްކީއެވެ. އަދި މި މެޗުން ތިން ޕޮއިންޓު ޔުވެންޓަސް އަށް ކަށަވަރުކޮށްދިން ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ގޮންޒާލޯ ހިގުއައިންނެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވިއިރު މި މެޗަކީ އެޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ކުޅެދިން 500 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގެ އެއްވަނައިގައި ޔުވެންޓަސް މިވަގުތު އޮތްއިރު އެއްވަނަ އަށް އަލުން އެރުމަށް ނަޕޯލީ މިރޭ ނިކުންނާނީ ލާޒިޔޯ އާއި ދެކޮޅަށެވެ.