ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި މުހައްމަދު ސަލާހުގެ ރެކޯޑް ހެޓްރިކާއެކު ލިވަޕޫލުން ބޮޑު ތަފާތަކުން ރޭންޖާސް ބަލިކޮށްފިއެވެ.

ރޭންޖާސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ލިވަޕޫލް އޮތީ ޖުމުލަ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރޭންޖާސް އިން ކުޅެމުން އައީ އެޓޭކިން ގޭމެކެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ރޭންޖާސް އިން ލީޑު ނެގިއެވެ. އޭގެ އަށް މިނެޓު ފަހުން ލިވަޕޫލްގެ ސްމިކާސް ނަގައިދިން ހުރަހަކުން ބްރެޒިލްގެ ތަރި ރޮބާޓޯ ފިރްމީނޯ އެއްވަރު ކޮށްދިނެވެ.

ދެވަނަ ހާފުގައި ލިވަޕޫލުން ކުރި ކައުންޓާ އެޓޭކެއްގައި ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފިރްމީނޯ ގޯލު ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނެވެ. ލިވަޕޫލަށް ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ، ފިރްމީނޯގެ އެހީތެރިކަމާއެކު ޑާވިން ނުނޭޒްއެވެ.

މި މެޗުގައި ސަލާހު މޮޅު ކުޅުމެއް ދައްކާ އޭނާ ވަނީ ފަސް މިނެޓު ތެރޭގައި ހެޓްރިކެއް ހަދާފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެހާ އަވަހަށް ހެޓްރިކް ހެދި ފުރަތަމަ ފަހަރެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޑިއޭގޯ ޖޮޓާ ދިން ޕާހަކުން ސަލާހު ވަނީ އޭނާގެ ފުރަތަމަ ގޯލު ޖަހާފައެވެ. ދެން ޖެހި ދެ ގޯލު ވެސް ޖެހީ ޖޮޓާގެ އެހީތެރިކަމާއެކުގައެވެ. މި މެޗުގެ ފަހު ގޯލު ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ހާވީ އެލިއެޓް އެވެ.

ރޭ ދެން ކުޅުނު މެޗުތަކުން މޮޅުވީ ބަޔާން މިއުނިކް އަދި ޓޮޓެންހަމްއެވެ. ބަޔާން މެޗު ކާމިޔާބު ކުރީ ވިކްޓޮރިއާ ޒެން އަތުން 4-2 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު ބަޔާން ވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. އަދި ޓޮޓެންހަމް ފްރޭން ފްރާފްޓް އަތުން މޮޅުވެ އެޓީމު ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.