މި ސީޒަނުގައި ޕްރިމިއާ ލީގުގައި އަރަމުން އަންނަ ތަރި ފިލް ފޮޑެން މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފިއެވެ.

އިންގްލެންޑްގެ މިޑްފީލްޑަރު ފޮޑެންގެ އެއްބަސްވުން އާ ކޮށްފައިވަނީ އިތުރު ފަސް އަހަރު ދުވަހަށް ކަމަށް ވުމުން އޭނާގެ އެއްބަސްވުން ހަމަވާނީ 2027 އަށެވެ.

ފޮޑެން އަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސިޓީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާއަކީ ކޯޗު ޕެޕް ގާޑިއޯލާގެ މަގުބޫލުކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ. ގާޑިއޯލާ ވަނީ ފޮޑެން އަކީ ޒުވާން ކުޅުންތެރިއެއް ނަމަވެސް އޭނާއަކީ ފުޓުބޯޅައިގައި ތަފާތު ހުނަރެއް ލިބިގެންވާ ކުޅުންތެރިއެއް ކަމަށް ފާހަގަ ކޮށްފައެވެ.

ސިޓީގެ އޮފިޝަލް ވެބްސައިޓުން ނެރުނު ބަޔާނެއްގައި ފޮޑެން ބުނެފައިވަނީ އެ އެއްބަސްވުން އާ ކުރީތީ އެކަމާ އުފާކުރާ ކަމަށާއި އެއީ އޭނާ ވަރަށް ކުރީއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވި ކަމެއް ކަމަށެވެ.

"އަހަރެން ވަރަށް އުފާވޭ އަދި ފަހުރުވެރިވޭ ކޮންޓްރެކްޓް އާ ކުރީތީ. މިއީ އަހަރެންގެ ހުވަފެން ހަގީގަތަކަށް ވި ކަމެއް. އަހަންނަކީ އަބަދުވެސް ސިޓީގެ ފޭނެއް. އަހަރެން މި ޓީމުގައި ޓްރޭނިންގ ހަދަމުން އައިތާ ވެސް ކިތަންމެ ދުވަހަށް. ބޯލް ބޭއީ އެއްގޮތުގައި ވެސް އަހަރެން ހުރިން. އަހަރެން ވަރަށް ލޯބިވޭ މި ކުލަބު ދެކެ. އެހެންވީމާ 2027 އާ ހަމައަށް ކޮންޓްރެކްޓް އާ ކުރެވުނީމަ ވަރަށް ހިތްހަމަޖެހޭ،" ފޮޑެން ބުންޏެވެ.

ފޮޑެން އިތުރަށް ބުނީ ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން އޭނާ ހާއްސަކޮށް ކުޅެން ބޭނުންވާ ކަމަށާއި ވަރަށް ގިނަ އެއްޗެހިތަކެއް ދަސްވާ ކަމަށެވެ. އަދި އޭނާއަށް ކުރިއެރުން ލިބޭ ކަމަށް ގަބޫލު ކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި މޮޅު ކުޅުންތެރިޔަކަށް ވާން ސިޓީ އަކީ އެންމެ ރަނގަޅު ތަން ކަމަށް އޭނާއަށް ފެންނަ ކަމަށެވެ.

ފޮޑެން ވަނީ ހަތަރު ލީގު ތަށި ސިޓީއަށް ކާމިޔާބު ކޮށްދިނުމުގައި ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. އޭނާއަކީ ނިމިދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގެ އެންމެ ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ކުޅުންތެރިއެކެވެ.

އުމުރުން 22 އަހަރުގެ ފޮޑެން މި ސީޒަނުގައި 13 މެޗު ކުޅުނު އިރު އޭނާ ވަނީ ހަތް ގޯލު ސިޓީއަށް ޖަހައިދީފައެވެ. މި ގޯލުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް 6-3 ން ބަލިކުރި މެޗުގައި އޭނާ ޖެހި ހެޓްރިކް ހިމެނެއެވެ. އެ މެޗުގައި އާލިންގް ހާލަންޑް ވެސް ވަނީ ހެޓްރިކް ހަދާފައެވެ.