މިދިޔަ ވޯލްޑް ކަޕުން ވިދާލި ފްރާންސްގެ ތަރި އެންގޯލޯ ކާންޓޭއަށް ލިބުނު އަނިޔާގެ ސަބަބުން އަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ނުކުޅެވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

ކާންޓޭއަކީ ފްރާންސްގެ ގައުމީ ޓީމަށް މުހިންމު ކުޅުންތެރިޔަކަށްވާއިރު، އޭނާ އަކީ ދަނޑުގައި އެންމެ ހަލުވި އަދި އެންމެ މަސައްކަތް ކުރާ ކުޅުންތެރިޔާއެވެ. މި އަހަރުގެ ވޯލްޑް ކަޕުން އޭނާ ނުފެނުމަކީ ފްރާންސަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ބެލެވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އޯގަސްޓް 14 ވަނަ ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗުގައި އަނިޔާ ވުމުގެ ސަބަބުން ކާންޓޭ އަށް އެއްވެސް މެޗެއް ނުކުޅެވެއެވެ. ކުޑަހުޅަށް ލިބުނު އެ އަނިޔާއިން ރަނގަޅުވެ، ޕްރެކްޓިހުގައި ބައިވެރިވާން ފެށި ފަހުން ކާންޓޭގެ ފަލަމަސްގަނޑަށް އަނިޔާވިއިރު، ރިޕޯޓްތައް ބުނާގޮތުން ތިން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޕްރިމިއާ ލީގުގައި މި ހަފްތާގެ މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ ކާންޓޭގެ އަނިޔާގެ ހުރިހާ ކަމެއް ދެނެގެނެވޭނީ ސްޕެޝަލިސްޓަކަށް ދައްކައިގެން ކަމަށާއި ޗެލްސީގެ މެޑިކަލް ޓީމުން މިހާރު އެކަން ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން، އެކަމާއި ގުޅިގެން އެއްޗެއް ބުނަން އެނގޭނީ މެޑިކަލް ޓެސްޓްތަކުގެ މަރުހަލާ އެއްކޮށް ނިމުމުން ކަމަށް ޕޮޓާ ވަނީ ބުނެފައެވެ. މީގެ ކުރިން ވެސް ކާންޓޭ ފަލަމަސްގަނޑަށް ލިބުނު އަނިޔާތަކުން އެއްކޮށް ރަނގަޅުވާން ވަނީ މަހެއްހާ ދުވަސް ނަގާފައެވެ.

މިކަމާއި ގުޅިގެން ފްރާންސްގެ މީޑިއާ ރިޕޯޓްތަކުން ބުނީ މި ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ކާންޓޭ އަށް މި ފަހަރުގެ ވޯލްޑް ކަޕް ވަނީ ގެއްލިފައި ކަމަށެވެ. އަދި ކާންޓޭގެ އިތުރުން ޗެލްސީގެ ޖޭމްސްއަށް ވެސް ވޯލްޑް ކަޕް ގެއްލުމުގެ ބިރު އެބައޮތް ކަމަށް ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ. ޖޭމްސްގެ އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން ނަތީޖާ ދެއްކި ގޮތުގައި ދޮޅު މަހަކަށް ވުރެ ގިނަ ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ.