ބްރެޒިލަށް އުފަން ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާގެ މައްޗަށް ސްޕޭންގެ ދައުލަތުން އުފުލާފައިވާ ހިޔާނާތާއި ކޮރަޕްޝަންގެ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.

މިއީ 2013 ވަނަ އަހަރު އޭނާ ކުޅެމުން އައި ބްރެޒިލްގެ ކްލަބެއް ކަމަށްވާ ސަންތޯސް އިން ސްޕޭންގެ ބާސެލޯނާއަށް ބަދަލުވުމުގެ ތެރޭގައި ހިނގާފައިވާ މުއާމަލާތްތަކަކާއި ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއެކެވެ.

ސްޕެއިންގެ ޕީޖީ އިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނޭމާ އަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު 10 މިލިއަން ޔޫރޯ ޖޫރިމަނާ ކުރާށެވެ. އެކަމަކު، ދައުވާކޮށް ޝަރީއަތްތައް ވެސް ކުރިޔަށްދަނިކޮށް އިއްޔެ ޕީޖީން ވަނީ ކުރެވުނު ހުރިހާ ތުހުމަތުތަކަކާއި ދައުވާތަކެއް އަނބުރާ ގެންގޮސްފައެވެ. އެހެންވެ، އެ ތުހުމަތުތަކުން ނޭމާ ވަނީ ސަލާމަތްވެފައެވެ.

މި މައްސަލައިގައި ނޭމާގެ އިތުރުން، އޭރު ސަންތޯސް އާއި ބާސާގެ ރައީސުންނާއި ނޭމާގެ މައިންބަފައިންގެ މައްޗަށް ވެސް ދައުވާކުރިއެވެ.

ނޭމާ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައި ވާއިރު، އޭނާ ބުނެފައި ވަނީ ޓްރާންސްފާގެ ހުރިހާ މުއާމަލާތްތަކެއް ކުރިޔަށް ގެންދަނީ އޭނާގެ ބައްޕަ ކަމަށެވެ. ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް ފީ އެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ މިހާރު ވެސް ކުޅެމުން އަންނަނީ އެޓީމަށެވެ.

މި މައްސަލައިގާ ނޭމާގެ އާއިލާއާއި ގާތް ފަރާތްތަކާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ދައުވާގެ އަގާއި ބަދަލު ހޯދަން ދައުވާކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ނޭމާގެ ހައްގުތަކުގެ %40 ހިއްސާ 2 މިލިއަން ޔޫރޯ އަށް ހޯދި އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިން ބުނެފައި ވަނީ، ބާސެލޯނާއިން އެއްބަސްވި ޓްރާންސްފާ ފީގެ އަގު ދަށް ވުމުން ގެއްލުން ވި ކަމަށެވެ. އެހެންވެ، އެމީހުން ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި އެ ޑީލްގައި ހިމެނޭ އެންމެން ޖަލަށްލާން އެދިފައެވެ.

އެކަމަކު، 2017 ވަނަ އަހަރު ނޭމާ ސްޕެއިންގެ ހައިކޯޓުގައި ކުރި އިސްތިއުނާފުން ނާކާމިޔާބުވުމުން އެމީހު ޑީއައިއެސް އިން ވަނީ އެމައްސަލަ ޕްރޮސެކިއުޝަނަށް ހުށަހަޅާފައެވެ.

މި މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފައިވަނީ ކުށެއް ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުންނެވެ.