ޔުއެފާ ޗެމްޕިއަންސް ލީގުން ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ ކެޓިޔަސް، އެ ޓީމު ކުޅޭ ހުރިހާ މުބާރާތްތަކުގެ ތަށި ކާމިޔާބުކުރާނެ ކަމަށް ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސާ ވަނީ ޖެހި ޖެހިގެން ދެ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓައި ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ.

ބާސާގެ ލެޖެންޑު ޒަވީ މިހެން ބުނީ ރޭ ވިކްޓޮރިއާ ޕްލެޒެން އަތުން 2-4 ގެ ނަތީޖާއިން ބާސާ އިން މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ބާސާއަށް ރޭ ލިބުނު މޮޅާއެކު އެ ޓީމު އޮތީ ގުރޫޕް ތާވަލުގެ ތިން ވަނައިގައި ހަ މެޗުން ހަތް ޕޮއިންޓު ހޯދައިގެންނެވެ.

ޒަވީ ބުނީ ބާސެލޯނާގެ އަސްލު ކުޅުން މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ނުދެއްކުނު ނަމަވެސް އަންނަ އަހަރަށް ތައްޔާރު ވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.

"ގަބޫލުކުރަން ދަތި ކަމެއް އެއީ ބާސާ ޗެމްޕިއަންސް ލީގުން ކެޓުން. ނަމަވެސް ޗެމްޕިއަންސް ލީގުން ކެޓިޔަސް އަހަރެމެން މިތިބީ އާ ހިތްވަރެއްލާ ބާސާ ކުޅޭ އެހެން މުބާރާތްތަކުން ތަށި ކާމިޔާބުކުރާނަން. އަހަރެމެންނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ނުހިފިގެން ޗެމްޕިއަންސް ލީގުން މި ކެޓީ،" ޒަވީ ބުންޏެވެ.

ބާސާ އަށް 16 އަހަރު ވަންދެން އެތައް ކާމިޔާބީއެއް ހޯދައި ދިން ޒަވީ ބުނީ އޭނާ އަށް އޮތް މާޔޫސްކަމަކީ ޓީމު ފަހަތުގައި ސަޕޯޓަރުން އެ ގޮތަށް ތިބޭއިރު ވެސް އެ ވަރުގެ ލެވަލެއް ބާސާއަށް ނުދެއްކޭތީ ކަމަށެވެ.

ހަމައެހެންމެ ދާދިފަހުން ޒަވީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ނައިބު ރައީސް ރަފާ ޔޫސްޓް ވިދާޅުވީ ޒަވީ އަކީ ބާސެލޯނާ އިން ބޭނުންވާ އަދި ކުލަބުން ލޯބިވާ ކޯޗެއް ކަމަށެވެ. އޭނާ ބުނީ އެކަމާ މެެދު ސުވާލެއް ނެތް ކަމަށާއި، ސުވާލެއް އުފައްދާނެ ޖާގައެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބާސެލޯނާ އިން ޒަވީ އަށް އިތުބާރު ކުރާ ކަމަށާއި، އޭނާ އާ އެކު ބާސެލޯނާ އިން ދާން ބޭނުންވާ މިސްރާބަށް ދެވޭނެ ކަމަށެވެ. ޔޫސްޓް ވިދާޅުވީ ބާސެލޯނާ އިން ބޭނުންވާ ހުރިހާ ތައްޓެއް ޒަވީ އަށް ކާމިޔާބުކޮށްދެވޭނެ ކަމަށެވެ.

ސްޕެނިޝް ލީގުގައި ބާސާ އޮތީ 12 މެޗުން 31 ޕޮއިންޓު ހޯދައިގެން ލީގު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގަކާއެކުއެވެ.

ބާސާ އިން މިއަހަރުގެ ޔޫރޮޕާ ލީގުގެ ތަށި ކާމިޔާބު ކުރުމަށް ޓީމަށް އިތުރު ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ހިންގާ ޓީމު ތައްޔާރު ކުރާނެ ކަމަށް ޒަވީ ވަނީ ބުނެފައެވެ. މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުން ބާސާ ކެޓީ ކުއާޓާ ފައިނަލުގައި އެއިންޓްރެކްޓް ފްރޭންކްފާޓް އަތުން ބަލިވެގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    ކަލަކު ވޮޑިގެންވެ ހެކިބޭނުންތަ؟ ލޮލަށްފެން އެތަށްމިލިޔަން އެއްޗެއް އެކިކުލަކުލައިގަ ފެނުމަކީ ﷲވޮޑިގެންވާކަމުގެ އެންމެ ކުޑަހެކި ހުރިހާ މުބާރާތެއްގެ ތަށްޓެއް ނުހޯދޭނެ އިރާދަ ކުއްވިޔައެއް

    3
    1