ހުޅަނގުގެ ގައުމުތަކަކީ އެހެން މީހުންނަށް ގޮތް ކިޔައިދެވޭ ވަރުގެ ބައެއް ނޫން ކަމަށް ބުނެ، އެ ގައުމުތަކަކީ ދެފުށް ދެގޮތް ބައެއްގެ ގޮތުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސިފަކުރައްވައިފިއެވެ.

އިންފަންޓީނޯ މިހެން ވިދާޅުވެފައިވަނީ ވޯލްކަޕް ފެށެން މަދު ގަޑިއިރުތަކަކަށް ވެފައި ވަނިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އިންފަންޓިނޯ ވިދާޅުވެފައިވަނީ ގަތަރަށް އިނގިލި ދިއްކުރުމުގެ ކުރިން ޔޫރަޕުން އެމީހުން ކޮށްފައިވާ ކަންތައްތައް ބެލުމަށެވެ.

"އަހަރެންނަކީ ޔޫރަޕް މީހެއް. އެހެން މީހުންނަށް ގޮތް ކިޔައިދޭން ފެށުމުގެ ކުރިން ފާއިތުވި 3000 އަހަރުއްސުރެ އަހަރުމެން ޔޫރަޕު މީހުން ކުރަމުން އަންނަ ކަންތައްތަކަށް ކުރިއަށް އޮތް 3000 އަހަރު ވަންދެން ވެސް އަހަރެމެން މާފަށް އެދެން ޖެހޭ." އިންފަންޓީނޯ ވިދާޅުވިއެވެ.

ގަތަރުން އިންސާނީ ހައްގުތަކާއި މަސައްކަތްތެރިންގެ ހައްގުތަކާއި އެއްޖިއްސުން ގުޅުން ހިންގުމާއިމެދު ގެންގުޅެމުން އަންނަ އުސޫލުތަކާ މެދު ހުޅަނގުން އަންނަނީ އެގައުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިންފަންޓީނޯ ވިދާޅުވެފައިވަނީ އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާ މެދު ގަތަރުން ގެންގުޅޭ އުސޫލު ކުރިއަށް ވުރެ ރަނގަޅުކޮށްފައިވާކަމަށެވެ. އަދި ހަ އަހަރު ކުރިން ގަތަރަށް ވަޑައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައިވެސް އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކުގެ މައްސަލައާމެދު މަޝްވަރާ ކުރައްވާފައިވާނެ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.

ގަތަރުންނާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން މިލިއަނުންނާއި ބިލިއަނުން ފައިސާ ހޯދަމުންދާ ޔޫރަޕްގެ އަދި ހުޅަނގުގެ ކުންފުނިތަކުގެ ތެރެއިން ބޭރު ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާއި މެދު އިދާރާތާކާއި އެކު މަޝްވަރާކޮށް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރީ ކިތައް ފަރާތުންތޯ އިންފަންޓީނޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އެއަށްފަހު އެ ސުވާލަށް އަމިއްލަ އަށް ޖަވާބުވެސް ދެއްވާފައިވެއެވެ.

"އަހަރެން ޖަވާބު ދީފާނަން. އެއްވެސް ފަރާތަކުން ނުކުރޭ." އޭނާ ވިދާޅުވިއެވެ.

"އެއްފަރާތުން ގޮތްކިޔަން އުޅުމަކީ ހަމަ ދެފުށްދެގޮތްކަން"

އެއްޖިއްސުން ގުޅުން ހިންގުމަކީ ގަތަރުގެ ގާނޫނުތަކާ ހިލާފު ކަމަކެވެ. ނަމަވެސް ގަތަރުން ވަނީ މުބާރާތަށް އައުމަށް ހުރިހާ އެންމެންނަށްވެސް މަރުހަބާ ކިޔާފައެވެ.

އިންފަންޓީނޯ ވިދާޅުވީ މިކަމާއި ގުޅިގެންވެސް ގައުމުގެ ވެރިންނާއި އެއްފަހަރަށް ވުރެ ގިނަ ފަހަރު ބައްދަލުކޮށް މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި މި މުބާރާތް އޮތީ ހުރިހާ އެންމެންނަށްވެސް ހުޅުވާލާފައި އޮތް ކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވިއެވެ.

ގަތަރަކީ ވޯލްޑްކަޕް ބާއްވާ ފުރަތަމަ އަރަބި ގައުމެވެ. އެގައުމުން މުބާރާތް ފެށެން ވަރަށް ކައިރިވެފައި ވަނިކޮށް ސްޓޭޑިއަމްތަކުގައި ބަނގުރާ ގަނެވިއްކުމާއި ބުއިން މަނާކުރުމުންވެސް ހުޅަނގުން ވަނީ ވަރަށް ބޮޑަށް ގަތަރަށް ފާޑުކިޔާފައެވެ.

މި މުބާރާތާއި ގުޅިގެން ނިންމާފައިވާ ކޮންމެ ނިންމުމަކީވެސް ގަތަރާއި ފީފާ ގުޅިގެން މަޝްވަރާތަކާއި ބަހުސްތައް ކުރެވިގެން ނިންމާފައިވާ ނިންމުމެއް ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. އަދި ގިނަ ފޭން ޒޯންތައް ހުންނާނެ ކަމަށާއި 200 އަށްވުރެ ގިން ތަންތަނުން ރާ ގަންނަން ލިބޭނެ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންފަންޓިނޯ ވިދާޅުވީ މި ނިންމުމަކީ އާދަޔާ ހިލާފު ނިންމުމެއް ނޫންކަމަށެވެ. ފްރާންސް، ސްޕެއިން، ޕޯޗުގަލް އަދި ސްކޮޓްލެންޑް ފަދަ ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ފުޓްބޯޅަ ސްޓޭޑިއަމްތަކުގައިވެސް ބަނގުރާ ބުއިން އޮންނަނީ މަނާކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

ފާޑުކިޔާ ބައެއް ފަރާތްތަކުން މުބާރާތް ބޯއިކޮޓްކުރުމަށް ކުންފުނިތަކަށް ގޮވާލަމުންދިޔަ ނަމަވެސް މި ފަހަރަކީ ވިޔފާރީގެ ގޮތުންވެސް ކާމިޔާބު ފަހަރެއްކަން އިންފަންޓިނޯ ފާހަގަކުރެއްވިއެވެ. މިއަހަރުގެ މުބާރާތުގެ މީޑިއާ ރައިޓްސް އާއި ސްޕޮންސާޝިޕް ރައިޓްސްވެސް ވިއްކާލާފައިވަނީ މިދިޔަ ފަހަރަށް ވުރެ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އިންފަންޓީނޯ ވިދާޅުވީ ޓިކެޓިންގް ރައިޓްސް އާއި ހޮސްޕިޓާލިޓީ ރައިޓްސްއިންވެސް ކުރީފަހަރަށްވުރެ 200-300 މިލއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަމަށެވެ.

ތިރީސް ދެ ގައުމު ބައިވެރިވާ މި މުބާރާތް ފަށާނީ މިއަދު ގަތަރާއި އިކުއެޑޯ ބައްދަލުކުރާ މެޗުންނެވެ. އިންފަންޓީނޯ ވަނީ ގަތަރުން މި މުބާރާތަށް ތައްޔާރުވެފައިވާ މިންވަރު ފުރިހަމަ ކަމުން ތައުރީފް ކުރައްވައިފައެވެ.

"ދޯހާ އޮތީ ތައްޔާރަށް. ގަތަރު އޮތީ ތައްޔާރަށް. މިއީ މިހާތަނަށް ބޭއްވޭ އެންމެ ފުރިހަމަ ވޯލްޑްކަޕަށް ވާނެކަން ޔަގީން." އިންފަންޓީނޯ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުހާ.

    ޔޫރަޕުގައިވެސް ހަގީގަތް ގަބޫލުކުރާ މީހުން އެބައުޅޭތާ، ހިއުމަން ރައިޓުސް ވާހަކަ ޔޫރަޕުން ދައްކާނެ. އެއީ އެމީހުން ހިންގާފައިވާ ޖަރީމާތަކަށް ފަސްއަޅަން.

    34
    1
  2. ބޮލުގާ ރިއްސާ

    ﷲ ތި އިންސާނާޔަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށި.. އެމީހާ އެދެންނެވި އެއްޗެއް އެބުނެވުނީ ނޭގިނަމަވެސް ޝައިތާނާއާއި ދެކޮޅަށް... ބަނގުރާ އެއީ ހުރިހާ ނުބައިކަމެއްގެ މަންމަ އަދި އެއްޖިންސުން ގުޅުން ހިނގުން އެއީ ޖަނަވާރުންގެ ދަރަޖަޔަށްވުރެވެސް މާބޮޑުތަންވެސް ދަށުދަރަޖަޔަށް އިންސާނާ ވެއްޓުން... މި ދެކަމާއި ދެކޮޅަށް މުޅި ދުނިޔެ ކުރިމަތީގަ ތެދުވާ ކޮންމެ މީހަކަށް މުސްލިމަކަށްވުމުގެ ނިޢުމަތް ލިބުން އެދެން. އާމީން

    31