ގަތަރުގައި މިއަދު ފަށާ ފީފާ ވޯލްޑް ކަޕުގައި ކުޅޭ މެޗުތަކުގެ ހައިލައިޓްސްތައް، ސައިން ލެންގުއޭޖް ނުވަތަ އިޝާރާތު ބަހުރުވައިން ގެނެސް ދޭން ނިންމައިފިއެވެ.

ފުޓުބޯޅައިގެ މައި އިދާރާ ފީފާ އަދި ގަތަރުން އަންނަނީ ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ބަލާހިތްވާ، ހިތްހަމަޖެހޭ ތަޖުރިބާއެއް ކުރެވޭނެ ވޯލްޑް ކަޕަކަށް ހެދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގަތަރުގައި ކުޅޭ ވޯލްޑް ކަޕް 2022ގެ 64 މެޗުގެ އުސްއަލިތައް ސައިން ލެންގުއޭޖުން ގެނެސްދޭން ނިންމާފާވާއިރު މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.

މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު ތައާރަފްކުރި ފުޓްބޯޅަ ފޭންޑަމްގެ ރަސްމީ ޑިޖިޓަލް ޕްލެޓްފޯމް ކަމަށްވާ، ފީފާ ޕްލަސް އިން މިހާރު ވަނީ ފީފާ ވޯލްޑް ކަޕުގެ މެޗުތައް 11 ބަހަކުން ގެނެސްދިނުމަށް ނިންމާފައެވެ. ޕްލަސްގެ އެޕްލިކޭޝަނާއި ވެބްސައިޓު މެދުވެރިކޮށް، ފެންޓަސީ ލީގާއި، އަދިވެސް ފޭނުންނަށް ވޯލްޑް ކަޕުގައި ކޮންމެވެސް މިންވަރަކަށް ބައިވެރިވެވޭނެ ގޮތްތައް ފީފާއިން ވަނީ ފަހިކޮށްދީފައެވެ.

މިއީ އޭޝިއާ ބައްރުގެ ގައުމެއްގައި މުބާރާތް ބާއްވާ ދެވަނަ ފަހަރުކަމަށްވާއިރު، ގަތަރަކީ އޭޝިޔާގެ ހުޅަނގަށް އޮތް ކުޑަ އެކަމަކު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަދި އެންމެ މުއްސަދި އެއް ގައުމެވެ.

ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 އަކީ މިހާތަނަށް ބާއްވާ އެންމެ ތަފާތު، އަދި އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތެވެ. މިއީ މެދުއިރުމައްޗަށް ނިސްބަތްވާ އަރަބި އިސްލާމީ ގައުމުގައި މި ބޮޑު މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މިރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ނުކުންނާނީ ގަތަރާއި އިކުއެޑޯއެވެ.