މިއަދު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕުގައި ފްރާންސް ގައުމީ ޓީމުގެ އެންމެ މުހިއްމު ފަސް ކުޅުންތެރިންނަށް ކުރިމަތިވެފައިވާ އަނިޔާގެ ސަބަބުން އެ ކުޅުންތެރިންނަށް މުބާރާތް ގެއްލިއްޖެއެވެ.

އަނިޔާގެ ސަބަބުން ނުކުޅެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި އިސްރޯލެއް އަދާކުރި އެންގޯލޯ ކާންޓޭއާއި ޕައުލް ޕޮގުބާގެ އިތުރުން ކްރިސްޓޮފާ އެންކުންކޫ އަދި ޕްރެސެނަލް ކިމްޕެންބޭއެވެ. މި ހަތަރު ކުޅުންތެރިންގެ އިތުރުން ފްރާންސް ޓީމުން އިއްޔެ ނެރުނު ބަޔާނުގައި ވަނީ އެޓީމުގެ ކަރީމް ބެންޒެމާއަށް ވެސް ނުކުޅެވޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ.

ބެންޒެމާއަށް އަނިޔާވެފައިވަނީ ފްރާންސްގެ ގައުމީ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އަދި އަނިޔާ ވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ކަމަށާއި އެ އަނިޔާއިން ރަނގަޅުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތިން ހަފްތާ ނަގާނެކަމަށް އެމްއާރްއައި ރިޕޯޓަށް ރިއާޔަތްކޮށް ބަޔާނުގައި ބުނެފައިވެއެވެ.

މިއީ ބެންޒެމާގެ އިތުރުން މުޅި ޓީމަށްވެސް ލިބުނު ބޮޑު ދެރައެއް ކަމަށާއި، އޭނާއަށް މުޅި ޓީމުގެ ފަރާތުން އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ފްރާންސްގެ ގައުމީ ޓީމުން ބުނެފައިވެއެވެ.

ޕޮގްބާ އަށް އަނިޔާވެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ޔުވެންޓަސްއަށް މި ސީޒަނުގައި ބަދަލުވެ ސީޒަނަށް ތައްޔާރުވުމަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގެ ތެރެއިންނެވެ. ޕޮގްބާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަންކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އަދި ރިކަވަރީގެ ފުރަތަމަ މަރުހަލާ އަށް ފަހު، މީގެ ކުރިން ޕޮގްބާ ޔުވެންޓަސްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވިއެވެ. އެކަމަކު، ވޯލްޑް ކަޕް ކުޅެވޭ ވަރަށް ޕޮގްބާ ފިޓް ނުވީއެވެ.

އެންކުންކޫއަށް މުބާރާތް ގެއްލުނީ ފްރާންސް ޓީމުގެ ފަރިތަކުރުންތަކުގައި އޭނާއަށް އަނިޔާވުމުންނެވެ. އަންގާރަ ދުވަހުގެ ފަރިތަކުރުމުގައި އެންކުންކޫއާއި އެޑުއާޑޯ ކަމަވިންގާ ޖެހިގެން އެންކުންކޫގެ ކަކުލަށް ވަނީ އަނިޔާވެފައެވެ.

ފްރޭންކްފާޓްގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ކޯލޯ މުއާނީ ވަނީ އެ ޓީމަށް މި ސީޒަންގައި ކުޅުނު 23 މެޗުން އަށް ލަނޑު ޖަހައިފައެވެ.

އަނިޔާގެ ސަބަބުން ފްރާންސްގެ ޓީމުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ މިކުޅުންތެރިންނަށް އެޓީމަށް ކުޅުމުގެ ފުރުސަތު ގެއްލިފައިވުމަކީ ފްރާންސްޓީމަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް ބެލެވެއެވެ. އަދި މި ކުޅުންތެރިން ނެތްތައް މެޗުތަކުން ދައްކާނެ ކަމަށް ވެސް ފުޓުބޯޅައިގެ މާހިރުން ވަނީ ބުނެފައެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި ފަހަރުގެ މުބާރާތަށް ނުކުންނަނީ، 1962 ވަނަ އަހަރު ބްރެޒިލުން ތަށި ދިފާއުކުރި ފަހުން، އެކަން ހާސިލްކުރާ ފުރަތަމަ ޓީމަށް ވުމަށެވެ.

ފްރާންސުން ވަނީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. އަދި 1998 ވަނަ އަހަރު ވެސް ފްރާންސުން ވަނީ މި މުބާރާތް ކާމިޔާބު ކޮށްފައެވެ.

ވޯލްޑް ކަޕުގައި ފްރާންސް ހިމެނެނީ ޑެންމާކާއި ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއާ އެކު ގްރޫޕް ޑީ ގައެވެ. ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ފްރާންސް ނުކުންނާނީ އޮސްޓްރޭލިއާ އާ ދެކޮޅަށެވެ.