ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހުޅަނގު އުތުރު ސީރިއާގައި 300 ކުޑަކުދިން އެ ކުދިންގެ އަމިއްލަ ވޯލްޑުކަޕްގެ ފެށުން އިއްޔެ ފާހަގަކޮށްފިއެވެ.

އަމިއްލަ ޖަމިއްޔާއެއްކަމަށްވާ 'ވައިލެޓް' އިން އިންތިޒާމުކުރި މި 'ވޯލްޑްކަޕު' ހުޅުވުމުގެ ރަސްމިއްޔާތު އިދުލީބުގެ މުނިސިޕަލް ސްޓޭޑިއަމްގައި އިއްޔެ ވަނީ ކުރިއަށް ގޮސްފައެވެ. މި ރަސްމިއްޔާތުގައި ސީރިއާގެ އެތައް ކުދިންނެއް ބައިވެރިވެފައިވާއިރު ބައެއް ކުދިން ތިބީ މިފަހަރުގެ ވޯލްޑްކަޕްގައި ބައިވެރިވާ ޓީމްތަކުގެ ޖޯޒީގައެވެ.

މިރޭ ގަތަރުގައި، އިކުއެޑޯއާއި ގަތަރު ބައްދަލުކުރާ މެޗާއެކު ފެށިގެންދާ ވޯލްޑްކަޕްގައި ބައިވެރިވާ 32 ޓީމް ތަމްސީލުކުރުމަށް އިދްލީބުގެ ކުދިންގެ މުބާރާތުގައި 32 ޓީމު ވާދަކުރެއެވެ.

"އަހަރެން ތަމްސީލުކުރަނީ ސްޕެއިން. އަހަރެން އުންމީދުކުރަނީ އަހަރެމެން މި މުބާރާތުން މޮޅުވާނެކަމަށް." ގަރާޖެއްގައި މަސައްކަތްކުރާ އުމުރުން ބާރައަހަރުގެ ބާސިލް ޝޭޚޯ ބުންޏެވެ.

ސީރިއާގެ ކުޑަކުދިންގެ 'ވޯލްޑްކަޕް' ފެށުމުގެ ރަސްމިއްޔާތުގައި އަންހެންކުދިންތަކެއް ފޮޓޯއަށް ހުއްޓިިގެން - ފޮޓޯ: އޭއެފްޕީ

މުބާރާތުގައި ބައިވެރިވާ 25 ޓީމުގައި ހިމެނެނީ އިދުލީބާއި އަދި ކައިރި ސަރަހައްދުތަކުގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކުގައި ދިރިއުޅޭ ކުދިންނެވެ. އަދި ބާކީ ހަތް ޓީމު ހެދީ އެ ސަރަހައްދުގެ އިންޑަސްޓްރިއަލް ޒޯންތަކުގައި މަސައްކަތްކުރާ ކުދިން ހިމެނިގެންނެވެ.

2011 ވަނަ އަހަރުން ފެށިގެން ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ބައިމިލިއަނެއްހާ މީހުން މަރުވެ އެތައް މިލިއަން މީހުން ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ. އިދުލީބުގައި ތިން މިލިއަނެއްހާ މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ގެދޮރު ގެއްލިފައިވާ މީހުންނެވެ.

ސީރިއާގެ ކުޑަކުދިންގެ މި 'ވޯލްޑްކަޕް' އިންތިޒާމު ކުރި ވައިލެޓް ޖަމިއްޔާގެ އިބްރާހީމް ސާމިނީ ބުނެފައިވަނީ މި 'ކޭމްޕުތަކުގެ ވޯލްޑްކަޕް' ގައި ބައިވެރިވުމަށް އުމުރުން 10 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިން އެތައް މަސްތަކެއް ވަންދެން ފަރިތަކުރަމުން އައިސްފައިވާ ކަމަށެވެ. މި މުބާރާތަކީ ކުޑަކުދިންނަށް ކުޅިވަރުކުޅެން ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށްވެސް އިބުރާހީމް ބުނެއެވެ. އަދި މިކަމުގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަރާތްތަކަށާއި، މަސައްކަތްކުރާ ކުޑަކުދިންނަށް ބައިނަލް އަގުވާމީ ސަމާލުކަން ލިބިގެންދިއުމަށްވެސް އެ ޖަމިއްޔާއިން އެދެއެވެ.

'ކޭމްޕުތަކުގެ ވޯލްޑްކަޕް' ހުޅުވުމުގެ ރައްމިއްޔާތުގައި މުބާރާތުގެ ަބއިވެރިން މި ފަހަރުގެ ރަސްމީ މުބާރާތުގެ ޓިމުތަކުގެ ޖޯޒީގައި- ފޮޓޯ"އޭއެފްޕީ

ސީރިއާގެ ރައީސް ބައްޝާރުލް އަސަދާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިން މިހާރު މައިގަނޑު ގޮތެއްގައި ތިބެނީ އިދްލީބުގެ ސަރަހައްދުތަކުގައި އާއި، ކައިރީގައި އޮންނަ ހަމާ، އަލެއްޕޯ އަދި ލަތާކިއާ ޕްރޮވިންސްގެ އެކި ހިސާބުތަކުގައެވެ.

ގަތަރުގައި އޮންނަ ރަސްމީ މުބާރާތް ކުރިއަށް ދާ ދުވަސްކޮޅު "ކޭމްޕުތަކުގެ ވޯލްޑްކަޕް' ގެ މެޗުތައްވެސް ކުރިއަށްދާނެއެވެ. އަދި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އިދުލީބުގެ ކޭމްޕެއްގައެވެ.

އިބްރާހީމު ބުނެފައިވަނީ ފިނިމޫސުން ފެށެން ކައިރިވެފައިވާއިރު މިފަހަރުވެސް ފިނިންނާއި ވާރޭގެ ސަބަބުން ފަގީރުކަން އިންތިހާއަށް ތަހައްމަލްކުރާ މި ކޭމްޕުތަކުގެ މީހުން އިތުރަށް ހާލުގައި ޖެހިގެންދާނެކަމުގައެވެ. އަދި 11 އަހަރުވީ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް ކުޑަނަމަވެސް އެހީތެރިކަމެއް މި މަސައްކަތުގެ ޒަރީއާއިން ލިބިގެންދިއުމަށް އެ ޖަމިއްޔާއިން އުންމީދުކުރެއެވެ.

"ގެދޮރު ގެއްލިފައިވާ މި މީހުންނަށް މުޅި ދުނިޔެ ސަމާލުކަން ދީ އެމީހުންނަށް އެހީތެރިވާނެކަމަށް އަހަރެން އުންމީދުކުރަން. އެ މީހުންނަށް ވީހާވެސް އަވަހަކަށް އެމީހުންގެ ގެދޮރަށް އެނބުރި ދެވޭނީ އޭރަށް." އިބްރާހީމް ބުންޏެވެ.