މި އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތް ފެށުމުގެ މެޗުގެ ޝަރަފް ގަތަރަށް ވަނީ ލިބިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާ ދެ ޓީމަކީ ގަތަރާއި އިކުއެޑޯއެވެ.

ގަތަރަށް މީގެ ކުރިން ތާރީޚުގައި އަދި އެއްވެސް ފަހަރަކު ވޯލްޑު ކަޕަކަށް ކޮލިފައިވެފައެއް ނުވެއެވެ. ނަމަވެސް އެ ޓީމުން ވަނީ 10 އޭޝިއަން ކަޕެއްގައި ކުޅެ 2019 ވަނަ އަހަރު އެ މުބާރާތް ކާމިޔާބު ކުރިއެވެ. މީގެ އިތުރުން އެ ޓީމުން ވަނީ ތިން ފަހަރެއްގެ މަތިން އަރަބިއަން ގަލްފު ކަޕް ކާމިޔާބުކޮށްފައެވެ.

މިރޭ 21:00 ގައި މި މެޗު ފެށުމަށް ހަމަޖެހިފައިވާއިރު މެޗު އޮންނާނީ އަލް ބައިތު ސްޓޭޑިއަމްގައެވެ.

މިއީ އިކުއެޑޯ ވޯލްޑް ކަޕްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާއިރު އިކުއެޑޯ އޮތީ އެންމެ ފަހުގެ ރޭންކިންގެ 44 ވަނައިގައެވެ.

ވޯލްޑް ކަޕްގައި އިކުއެޑޯގެ އެންމެ ބޮޑު ކާމިޔާބީއަކީ 2006 ވަނަ އަހަރު ދެވަނަ ބުރަށް ދަތުރުކުރުމެވެ. އެފަހަރުގެ ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރީކާ އާއި ޕޮލެންޑް ބަލިކުރި އެވެ. ދެވަނަ ބުރުގައި ކެޓީ އިންގްލެންޑް އަތުން 1-0 އިން ބަލިވެގެންނެވެ. 2002 ވަނަ އަހަރާއި 2014 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުން އެޓީމު ވަނީ ކަޓައިފައެވެ. ވޯލްޑް ކަޕްގައި ކުޅުނު 10 މެޗުގެ ތެރެއިން އެޓީމު ވަނީ ހަތަރު މެޗުން މޮޅުވެފައެވެ. އެއް މެޗު އެއްވަރު ކުރިއިރު ފަސް މެޗުން ވަނީ ބަލިވެފައެވެ.

ދެ ޓީމުގެ އަޅާ ކިޔުމަށް ބަލާއިރު ގަތަރަށް މި މެޗު ފަސޭހަ ނުވާނެ އެންމެ ބޮޑު ސަބަބަކީ އިކުއެޑޯ ޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ތިބީމައެވެ. އިކުއެޑޯ ޓީމުގައި ތިބީ އެވްރެޖުގެ ގޮތުން އުމުރުން 25 އަހަރުން ދަށުގެ ކުޅުންތެރިންނަށް ވާއިރު މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ޒުވާން ސްކޮޑެއް ވެސް އޮތީ އިކުއެޑޯ ޓީމުގައެވެ.

އަރާނެކަމަށް ބެލެވޭ ފުރަތަމަ އެގާރަ

ގަތަރު

ކަރީމް ބޯދިފް، ސާދް އަބްދު ﷲ އަލް ޝީބް، ރަވީ، ސަލްމަން، ހަސަން، އަހްމަދު. އަބްދުލް އަޒީޒް ހަތިމް، ހަސަން އަލް ހޮއެދާ، އަލްމޮއޭޒް އަލީ، އަކްރަމް އަފީފް

އިކުއެޑޯ

މިކެއިލް އެސްޓްރަޑާ، އެނާ ވެލެންސިއާ، ގައިސެޑޯ، އަލަން ފްރޭންސްކޯ، ގޮންޒަލޯ ޕްލާޓާ، ކާލޮސް ގްރޫޒޯ، އެސްޓުޕިނަން، ޕިއެރޯ ހިންކެޕީ، ފީލިކްސް ޓޮރެސް، ޕްރެޝިއާޑޯ، ހާނަން އިސްމައިލް ގަލިންޑޭޒް

ގަތަރުގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ: ހަސަން އަލްހައިދޯސް

ގަތަރު ގައުމީ ޓީމުގެ ކެޕްޓަނަކީ، އެ ގައުމުގެ އަލް ސަދަށް ކުޅެމުން އަންނަ ފޯވާޑު ހަސަން ހާލިދު ހަސަން އަލް ހައިދޯސްއެވެ. އަލްސަދުގެ ޔޫތު އެކެޑަމީން 1998 ވަނަ އަހަރު ފުޓުބޯޅަ ކުޅެން ފެށި ހާލިދު އެ ޓީމުގެ ރަސްމީ ޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 261 މެޗު ކުޅެދީ 84 މެޗު ކާމިޔާބުކޮށްދީފައެވެ. އަދި 31 އަހަރުގެ ހާލިދު ވަނީ ގަތަރު ގައުމީ ޓީމަށް 163 މެޗު ކުޅެދީ 33 ގޯލު ވެސް ޖަހައިދީފައެވެ.

އެކުއެޑޯގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ: އެނާ ވެލެންސިއާ

ވެލެންސިއާ އަކީ އެކުއެޑޯ ޓީމުގެ ކެޕްޓަނެވެ. 33 އަހަރުގެ ވެލެންސިއާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި ވެލެންސިއާ ވަނީ 35 ގޯލު ޖަހައިފައެވެ. އެގައުމުގެ އެއް ނަންބަރު ފޯވާޑް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތިން ގޯލު ޖަހައިފައެވެ. އެއީ ސްވިޒަލެންޑް އަތުން ބަލިވި މެޗާއި ހޮންޑިއުރަސް އަތުން މޮޅުވި މެޗުގައި ޖެހި ދެ ގޯލެވެ.

އިކުއެޑޯ އަކީ ބައިނަލްއަގްވާމީ ވާދަވެރި އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ޓީމެއް ނޫނެވެ. އެކަމަކު 1999 ވަނަ އަހަރު ކެނެޑާ ކަޕްގެ ނަމުގައި ބޭއްވި އެކުވެރިކަމުގެ މުބާރާތެއް އެޓީމު ކާމިޔާބުކުރިއެވެ. ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި 1939 އިން ފެށިގެން ވާދަކުރަމުން އަންނައިރު އެންމެ ބޮޑު ކާމިޔާބީއަކީ އެ މުބާރާތުގެ ހަތަރު ވަނަ ހޯދުމެވެ. ދެ ފަހަރު ހަތަރު ވަނަ ހޯދިއިރު އެންމެ ފަހުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެޓީމު ކުޅުނެވެ. ކުއާޓާގައި ބަލިވީ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ.

ގަތަރަށް ބައިނަލްއަގްވާމީ ވަރުގަދަ މެޗުތަކެއް ދިނުމުގެ ގޮތުން ޔޫއެފާއިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނުނު ޓީމުތަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ފުރުސަތު 2020 ވަނަ އަހަރު ގަތަރަށް ދީފައެވެ. ޕޯޗުގަލް އާއި ސާބިއާ ހިމެނުނު ގްރޫޕުގެ ޓީމުތަކާ ދެކޮޅަށް ގަތަރުން އެކުވެރިކަމުގެ މެޗުތައް ކުޅުނީ ޔޫރަޕްގައެވެ.

އެންމެ ފަހުން ގަތަރު ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ ފީފާ އަރަބް ކަޕެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި އަލްޖީރިއާ އަތުން ބަލިވެ ލިބުނީ ތިންވަނައެވެ.