ޤަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީ ގައި މިއަދު ޕޮލެންޑާއި މެކްސިކޯ ވަރަށް މުހިއްމު މެޗަކަށް ނުކުންނާނެއެވެ.

ރާއްޖެ ގަނޑިން މިރޭ 9:00 ގައި ފަށާ މި މެޗް ކުޅެން ހަމަޖެހިފައިވަނީ މި ވޯލްޑް ކަޕަށް ޤަތަރުން ތައްޔާރު ކުރި އެންމެ އާދަޔާ ހިލާފް އެއް ފުޓްބޯޅާ ސުޓޭޑިއަމް ގައެވެ. އެއީ ޤަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ސުޓޭޑިއަމް 974 އެވެ. މިއީ މި މުބާރާތަށްޓަކައި އުމްރާނީ ތަރައްޤީއަށް އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރި ޤަތަރުން ވަގުތީ ގޮތުން ބޭނުން ކުރުމަށް އެޅި ހަމަ އެކަނި ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް އަޅާފައިވަނީ 974 މުދާ އުފުލާ ކޮންޓައިނަރ ބޭނުން ކޮށްގެންނެވެ. މި ސްޓޭޑިއަމަށް މި ނަން ދެވުނީވެސް މި ސަބަބަށްޓަކައެވެ.

މެކްސިކޯ މި މުބާރާތާއި ކުރިމަތި ލަނީ ޖެހިޖެހިގެން އެމީހުންގެ 8 ވަނަ ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުފަލާއި އެކުގައެވެ. އަދި މި އަށްފަހަރުވެސް އެމީހުން ވަނީ ގްރޫޕް ސްޓޭޖު ކަޑައްތުކޮށް ގަދަ 16 އަށް ދަތުރުކޮށްފައެވެ. އެގޮތުން ބްރެޒިލްއާއެކު އެންމެ ގިނަ ފަހަރު ޖެހިޖެހިގެން ދެވަނަ ބުރަށް ގޮސްފައިވާ ގައުމަކީ މެކްސިކޯއެވެ. މެކްސިކޯއަށް ގްރޫޕް ސްޓޭޖުން އެންމެ ފަހުން ވޯލްޑްކަޕްގެ ދަތުރު ނިންމާލަން ޖެހިފައިވަނީ 1978 ވަނަ އަހަރުއެވެ.

މެކްސިކޯއިން ފާއިތުވި ހަ ފަހަރު މުބާރާތް ފެށި އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެމީހުން ވަނީ އޭގެ ތެރެއިން ފަސް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްފައެވެ.

1970 އަދި 1986 ވަަނ އަހަރު ކުއާާޓަރ ފައިނަލަށް ދެވިފައިވީނަމަވެސް އޭގެ ފަހުން މެކްސިކޯއަށް ދެވަނަ ބުރަށްވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ.

މި ތާރީހް ބަދަލުކުރުމުގެ ޒިންމާ ނަގައި. މެކްސިކޯގެ ޓީމުގެ ހުންގާނާއި ހަވާލުވެ މިފަހަރު ހުރީ ކުރީގެ އާޖެންޓީނާގެ މޮޅު ކުޅުންތެރިޔާ ގެރާރްޑޯ މާރޓިނޯ އެވެ. އޭނާ މެކްސިކޯގެ ޓީމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޖަނަވަރީމަހުގައެވެ.

އުމުރުން 60 އަހަރުގެ ތަޖުރިބާކާރު ކޯޗު މެކްސިކޯ ޓީމާއި ހަވާލުވީ 2014ވަނަ އަހަރުގައި ބާސެލޯނާ އާއި އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކޯޗްކަން ކޮށްދީފައެވެ އަދި މެކްސިކޯ އާއިއެކު އޭނާވަނީ ސަރަހައްދީ ފެންވަރުގެ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. ނަމަވެސް މިފަހަރުގެ މުބާރާތަށް މެކްސިކޯ ނިކުންނަ އިރު އެންމެ ގިނަ މީހުން ކުރިމަތިކުރުވާ ސުވާލަކީ މެކްސިކޯގެ ޒުވާން ކުޅުންތެރިން ހިމެނޭ މި ސުކޮޑް އަކީ މި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރެވޭނެ ފެންވަރުގެ ސުކޮޑެއްތޯ ކުރެވޭ ސުވާލެވެ.

ޕޮލެންޑް ވެސް މި މެޗަށް ނިކުންނާނީ މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރުމުގެ އުންމީދުގައެވެ. ދެވަނަ ބުރަށް ދަތުރުކުރުމަށްޓަކައި މި މެޗް ކާމިޔާބުކޮށް ފެށުން ރަނގަޅު ކުރަން ޕޮލެންޑުން ބޭނުންވަނީ މި ގުރޫޕްގައި މުބާރާތުގެ ތަށި ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ވަރުގަދަ އާރޖެންޓީނާ ވެސް ހިމެނޭތީއެވެ.

ފަހުގެ ތާރީހުގައި ޕޮލެންޑް ކޮލިފައިވެފައި ވަނީ 3 ވޯލްޑް ކަޕަށެވެ. އެއީ 2002 ވަނަ އަހަރުގައި ކޮރެއާ ޖަޕާނުގައި ބޭއްވި މުބާރާތާއި 2006 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި މުބާރާތުގެ އިތުރުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވުނު މުބާރާތުގައެވެ. މިއިން ކޮންމެ މުބާރާތެއްގައި ވެސް ޕޮލެންޑުން ވަނީ އެން މެޗް ކާމިޔާބު ކޮށް އަނެއް ދެ މެޗުން ބަލިވެފައެވެ.

ނަމަވެސް މި ފަހަރު ޕޯލެންޑުން ބޭނުން ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި 1974 އަދި 1982 ގައި މުބާރާތުގެ 3 ވަނަ ހޯދައި ލިބުނު ކާމިޔާބީ ތަކުރާރުކުރާށެވެ.

މެކްސިކޯގެ ލަފާކުރެވޭ ފުރަތަމަ 11 :

އޯޗޮއާ، ސަންޗޭޒް، އަރާޔޯ، މޮންޓޭސް، ގެލާރްޑޯ، ގުއާޑާޑޯ، އަލްވަރޭޒް، ގުޓިއަރޭޒް، ވެގަ، ޖިމެނޭޒް، ލޮޒާނޯ

ޕޮލެންޑުގެ ލަފާކުރެވޭ ފުރަތަމަ 11:

ޝެޓެންސްނޭ، ބެޑްނަރެކް، ކިވިއޯރް، ގިލިކް، ޒުރްކޯސްކީ، ކްރަކޯވިއަކް، ބިއަލިކް، ޒަލޫސްކީ، ޒިއެލިންސްކީ، ލެވެންޑޯސްކީ، ޝްމައިންސްކީ

މެކްސިކޯގެ ފާހަގަކުރެވޭ ކުޅުންތެރިޔަކީ އަރްވިންގް ލޮޒާނޯ

މެކްސިކޯގެ ގައުމީ ޓީމަށް ކުޅޭ އަރްވިންގެ ލޮޒާނޯ އަންނަނީ ނަޕޯލީގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަޕޯލީއަށް އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނުމުގައިވެސް ލޮޒާނޯ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

މިދިޔަ ވޯލްޑްކަޕުގައިވެސް ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ލޮޒާނޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެެވެ.

މިއީ ލޮޒާނޯ ގެ ދެވަނަ ވޯލްޑްކަޕެވެ.

ޕޮލެންޑުގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ރޮޮބާޓް ލެވަންޑޯސްކީ

ލެވަންޑޯސްކީ އަކީ ފާއިތުވެ ދިޔަ 10 އަހަރުގައި ޔޫރަޕުގެ އެންމެ ފޯމުގައި ކުޅުނު އެއް ކުޅުއްތެރިޔާއެވެ.

މިހާރުވެސް ސުޕެއިންގެ ވަރުގަދަ ބާސެލޯނާއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަންޑޯސްކީގެ އެހެން އަމާޒެއް ވެސް އެބަ އޮތެވެ. އެއީ އަދި އޭނާ އަށް ވޯލްޑް ކަޕްގައި ގޯލެއް ކާމިޔާބު ކުރެވިފައި ނުވާތީ މިފަހަރުގެ މުބާރާތުގައި ގޯލް ޖެހުމެވެ.