ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގެ ތިން ވަނަ މެޗުގައި ޖަޕާން ބަލިކޮށް ކޮސްޓަރިކާ އިން އުންމީދު އާކޮށްފިއެވެ.

މި މެޗު ފެށުމުގެ ކުރިން ޖަޕާން އޮތީ މި ގުރޫޕްގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށްވާ ޖަރުމަނު 1-2 ގެ ނަތީޖާއިން ބަލިކޮށް ތާވަލުގެ ދެވަނައިގައެވެ. ކޮސްޓަރިކާ ވަނީ ސްޕެއިން އަތުން 0-7 ގެ ނަތީޖާއިން ބަލިކޮށްފައެވެ. މި ގުރޫޕްގެ ތާވަލުގެ އެއްވަނައިގައި ފައިދާ ހަތް ގޯލާއެކު އޮތީ ސްޕެއިންއެވެ.

ގަތަރުގެ އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މެޗު ކޮސްޓަރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިން ޖަޕާން މައްޗަށް ކުރި ހޯދައިގެންނެވެ. ކޮސްޓަރިކާ އިން ވަނީ ފަސް ފަހަރަށް ވޯލްޑް ކަޕުގައި ކުޅެފައެވެ. އެންމެ ފުރަތަމަ ކުޅުނީ 1990 ވަނަ އަހަރުގައެވެ. އެ އަހަރު ގަދަ 16 ގައި ކުޅުނު ނަމަވެސް ޖެހިގެން އައި ދެ އަހަރު ވޯލްޑް ކަޕަށް ކޮލިފައިވެއެއް ނުވެއެވެ. ވޯލްޑް ކަޕުގައި އެޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް އެޓީމު ދަތުރު ކުރެވުމެވެ.

ޖަޕާނާއި ކޮސްޓަ ރިކާގެ މީގެ ކުރިން ކުޅުނު މެޗުތަކަށް ބަލާ އިރު، އެ ދެ ޓީމު ހަތަރު ފަހަރު ބައްދަލު ކުރިއެވެ. އެގޮތުން ތިން މެޗުން ޖަޕާނުން މޮޅުވި އިރު، އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޖަޕާނުންނެވެ. މި މެޗު ފަށައިގެން ޖަޕާނުން އައީ ޓީމު ފަހަތަށް ޖައްސައިގެން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅެމުންނެވެ. ކޮސްޓަރިކާ ޓީމުން ވަނީ ޓީމު ކުރިއަށް ކޮށްޕާލައިގެން ކުޅެ އިދިކޮޅު ޓީމު އަތުން ބޯޅަ ހޯދަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގެ ތިން ވަނަ މިނެޓުގައި ޖަޕާންގެ ރިޓްސޫ ޑޯން އަށް ލީޑު ނަގަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ކޮސްޓަރިކާ ޓީމުން ހަމަލާ އުފެއްދުމަށް ޖަޕާނުގެ ހާފު ތެރެއަށް ނަގައިދިން ގިނަ ހުރަސްތަކެއް ވަނީ ޖަޕާނުގެ މަޔާ ޔޮޝިންޑާ ބޭރުކޮށްލައިފައެވެ. މި ހާފުގައި ޖަޕާނުން ގިނަ ހަމާލަތަކެއް ގޯލާ އަމާޒުކޮށް އުފެއްދި ނަމަވެސް ކޮސްޓަރިކާގެ އިތުބާރު ހިފޭ ކީޕަރު ކާލޯ ނަވަސް ވަނީ ދިފާއު ކޮށްފައެވެ.

ޖަޕާނާއި ކޮސްޓަ ރިކާ ބައްދަލު ކުރި މެޗު -- ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޖަޕާނުން ޕާސިން ގޭމެއް ކުޅެ ކޮސްޓަރިކާ ކޮޅަށް ނުރައްކާ ކުރިއެވެ. އެގޮތުން ޖަޕާންގެ ޓީމުން ފުލުފުލުގައި ތިން ހަމަލާ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. ޖަޕާނުގެ ހިޑެމަސާ މޮރީޓާ ފޮނުވާލި ބޯޅަ ކާލޯ ނަވަސް ވަނީ ރިބައުންސަކަށް ބޯޅަ ދުއްވާލައިފައެވެ. ޖަޕާނުގެ އެންމެ މޮޅު ކުޅުންތެރިޔާ ޓަކޫމާ އޮސާނޯ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލި ނަމަވެސް ކޮސްޓަރިކާގެ ޑިފެންޑަރު ވަނީ ބޯޅަ ބްލޮކްކޮށްލައިފައެވެ.

ދެވަނަ ހާފުގައި މުޅިން ވެސް ފެނުނީ ޖަޕާނުން ކޮސްޓަރިކާ ޓީމު ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ތަނެވެ. މެޗުގެ 50 ވަނަ މިނެޓުގައި މިކީ ޔަމާނޭ ނަގައިދިން ހުރަހަކުން އަސާނޯ ބޮލުން ފޮނުވާލި ހަމަލާ ވެސް ވަނީ ނަވަސް ދިފާއު ކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ޖަޕާން ޓީމަށް ވަނީ ގޯލުގެ އޭރިއާ ކައިރިން ދެ ހިލޭ ޖެހުން ލިބިފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި ޔޮކީ ސޮމާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ދަނޑިމަތިން ބޭރަށެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޖަޕާނުގެ ޑައިޗީ ކަމަޑާ ހިލޭ ޖެހުމަކުން ފޮނުވާލި ހަމަލާ ކޮސްޓަރިކާގެ ޑިފެންޑަރު އޮސްކަ ޑުއާޓް ވަނީ މޮޅު ބްލޮކްއެއް ކޮށްފައެވެ.

ޖަޕާނުން ޓީމު ކުރިއަށް ޖައްސައިގެން ކުޅެނިކޮށް އޭގެ ފައިދާ ނަގާ ކޮސްޓަރިކާ ޓީމުން ކުޅުން ރަނގަޅުކޮށް ކައުންޓާ އެޓޭކް ކުރުމަށް މަސައްކަތް ކުރިއެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖަޕާން ކޮޅަށް ކޮސްޓަރިކާ އިން ގޯލު ޖެހީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މިއީ ކޮސްޓަރިކާގެ ކެޝާ ފުލާ ގޯލުގެ މަތީ ކަނަށް ފޮނުވާލި ހަމަލާއެކެެވެ. ގޯލުގެ ތެރެއަށް މި ބޯޅަ ވަދުނީ ޖަޕާންގެ ކީޕަރު ޝުއިޗީ ގޮންޑާގެ އަތުގައި ޖެހިފައެވެ. މި ގޯލާއެކު ކެޝާ ވަނީ ގައުމީ ޓީމަށް ތިން ގޯލު ކާމިޔާބުކޮށްދީފައެވެ.

މި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ޖަޕާންގެ ޓީމަށް ނަތީޖާ ހަމަހަމަކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޓަކޫމީ މިނަމީނޯއަށް އެ ހަމަލާ މާ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވެ ބޯޅަ ދިޔައީ ބޭރަށެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑައިޒީ ކަމަޑާ އުފެއްދި ހަމަލާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކާލޯ ނަވަސް ދިފާއުކޮށްފައެވެ. މި މެޗުގެ އިތުރު ވަގުތު ހަ މިނެޓު ކުޅުނު އިރު ކޮސްޓަރިކާ އިން މެޗު ނިންމާލީ ފުލާ ޖެހި ގޯލާއެކު، ރަނގަޅަށް ޑިފެންސްކޮށްގެންނެވެ.

މި މެޗުން ލިބުނު މޮޅާއެކު ކޮސްޓަރިކާ ޓީމު އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. މި ގުރޫޕްގެ ހަތަރު ވަނަ މެޗުގައި މިރޭ 00:00 ގައި ބައްދަލު ކުރާނީ ސްޕެއިންއާއި ޖާމަނީއެވެ. މި މެޗުން ޖަރުމަނު ބަލިވެއްޖެ ނަމަ ކަޓާނެއެވެ. ކޮސްޓަރިކާއަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ފުރުސަތެއް ލިބިފައިވާއިރު، ޖަރުމަނު މެޗުން މޮޅު ވާން މަޖުބޫރު ވާނެއެވެ.