0-2 އިން ޗެލްސީ ބަލިކޮށް ކޮމިއުނިޓީ ޝީލްޑް މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

ކޮމިއުނިޓީ ޝީލްޑް މެޗަކީ އިނގިރޭސި ސީޒަން ހުޅުވުމުގެ ގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނާއި އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް އެފްއޭކަޕް ކާމިޔާބުކުރީ ޗެލްސީންނެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 13 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަގުއެރޯ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ކުޑަތަންކޮޅެއް ބޭރުގައި ފުދޭވަރަކަށް ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ އަގުއެރޯ ސިޓީ އަށް ކާމިޔާބުކޮށްދިން 200 ވަނަ ގޯލުކަން ވެސް ފާހަގަކޮށްލެވެއެވެ.

ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ޗެލްސީ އަށް މި ހާފުގައި ތަނަވަސްކުރެވިފައި ނުވާއިރު ސިޓީގެ ލީރޯއި ސާނޭ އަދި ރިޔާދް މަހްރޭޒް އަށް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލެއް ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ބަނާޑޯ ސިލްވާ ދިން ޕާހަކުން އަގުއެރޯ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް ސިޓީން ވަނީ މި ހާފުގައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މަހްރޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ޗެލްސީގެ ކީޕަރު ވިލީ ކަބަލޭރޯ ވެސް ވަނީ މުހިއްމު ގިނަ ސޭވްތަކެއް ކޮށްފައެވެ.

މިއީ ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. އަދި މިއީ 2012 ވަނަ އަހަރަށްފަހު ސިޓީ އަށް މި ޝީލްޑް ހޯދުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ކުރިއަށް ދެން އޮތީ ޕްރިމިއާ ލީގު ކަމަށްވާއިރު، ލީގުގެ ފުރަތަމަ މެޗުގައި ސިޓީ ބައްދަލުކުރާނީ އާސެނަލްއާއެވެ. ޗެލްސީ ނިކުންނާނީ ހަޑަލްސްފީލްޑްއާ ދެކޮޅަށެވެ.