ވޯލްޑްކަޕުގައި ރޭ އުރުގުއާއީއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް 2016 ގެ ޔޫރޯ ޗެމްޕިއަން ޕޯޗުގަލުން ވަނީ ހޯދައިފައެވެ. އެކަމަކު މި މޮޅަށް ވުރެ އެ މެޗުގައި ބޮޑު ސަމާލުކަމެއް ލިބުނީ ޕޯޗުގަލުން ޖެހި ފުރަތަމަ ގޯލަށެވެ. އެކި މީހުން އެ ގޯލާ ދޭތެރޭ އެކި ގޮތަށް ވާހަކަ ދައްކާއިރު، ފީފާއިން ނިންމީ އެ ގޯލަކީ ބުރޫނޯ ފެނަންޑޭޒް ޖެހި ގޯލެއް ގޮތުގައެވެ.

އުރުގުއާއީގެ މައްޗަށް 2-0 އިން ޕޯޗުގަލް އިން ރޭ ކުރި ހޯދިއިރު އެ މެޗުގައި ފެނިގެންދިޔަ ދެ ގޯލްވެސް ޕޯޗުގަލް އަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނަންޑޭޒްއެވެ.

ބްރޫނޯ ފުރަތަމަ ގޯލަކީ އުރުގުއޭގެ ގޯލު ކުރިމައްޗަށް ނެގި ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ހުރަސް ނެގިއިރު ރޮނާލްޑޯ އެ ބޯޅައިގައި ބޮލުން ޖަހަން މަސައްކަތް ކުރިއިރު ބޯޅަ ގޯލަށް ވަނުމުން ރޮނާލްޑޯ ފުރަތަމަ ނިންމީ ވެސް އެއީ އޭނާ ކާމިޔާބު ކުރި ގޯލެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން ފީފާ އިން ވަނީ އެއީ ބްރޫނޯ ޖެހި ގޯލެއް ކަމަށް ކަނޑައަޅާފައެވެ.

ރޭގެ މެޗަށް ފަހު ރޮނަލްޑޯ ޕިއާސް މޯގަން އަށް މެސެޖުކޮށް އެއީ އޭނާ ޖެހި ގޯލެއް ކަމަށް ބުނިކަން ވަނީ ފަޅާއަރާފައެވެ. މިކަން ބޭރުގެ މީޑިއާ ތަކަށް އެންގީ އެމެރިކާގެ ފުޓުބޯޅައިގެ ލެޖެންޑެއް ކަމަށްވާ އަލެކްސި ލަލަސްއެވެ.

"މެޗު ނިމުން އިރު އަހަރެން ހުރީ ޕިއާސް މޯގަން ކައިރީގައި. އޭނާ ބުނީ މެޗު ނިމުމަށްފަހު ރޮނަލްޑޯ ލޮކާ ރޫމުގެ ތެރޭގައި ހުރެފައި އެއީ އޮނަލްޑޯ ޖެހި ގޯލެއް ކަމަށް ބުނެ އޭނާ އަށް މެސެޖު ކުރި ކަމަށް. އަދި ރޮނަލްޑޯ ގަބޫލް ކުރާގޮތުގައި އެ ބޯޅަ ގޯލުގެ ތެރެއަށް ވަދުނީ އޭނާގެ ބޮލުގައި ޖެހިފައި ކަމަށް ވެސް ޕިއާސް މޯގަން ކައިރި ބުނި،" ފޮކްސް ސޮކާ އަށް މައުލޫމާތު ދެމުން އަލެކްސީ ލަލަސް ބުންޏެވެ.

އެ މެޗު ނިމުމަށްފަހު ރޮނާލްޑޯ ރެފްރީން ގާތަށް ގޮސް އޭނާ ބޮލުގައި ބޯޅަ ޖެހުންކަން ދައްކަން އުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ފެތުރިފައިވާ އިރު، ރޮނާލްޑޯ އެ ގޯލުގެ ކްރެޑިޓް ނަގަން އުޅުމުން ގިނަބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އަދި ކޮންމެ މީހެއްގެ ގޯލެއް ވިޔަސް މުހިއްމީ ޕޯޗުގަލް މޮޅުވުން ކަމަށް ބުނެ ރޮނާލްޑޯގެ އެ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށް ޕޯޗުގަލްގެ ބައެއް ސަޕޯޓަރުން ވެސް ވަނީ ބުނެފައެވެ.

ރޭގެ މެޗުގައި ދެ ގޯލް ކާމިޔާބުކުރި ބްރޫނޯ ބުނީ މުހިއްމީ ގޯލްޖެހި ކުޅުންތެރިޔާ ނޫން ކަމަށާއި އެންމެ މުހިއްމީ އުނދަގޫ ޓީމަކާ ދެކޮޅަށް ކުޅެ މޮޅުވުން ކަމަށެވެ.

ރޭގެ މޮޅާއެކު ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވާއިރު ގްރޫޕްގެ ފަހު މެޗުގައި ޕޯޗުގަލް ބައްދަލުކުރާނީ ދެކުނު ކޮރެޔާއާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަމަނަ

    ރޮނާޑޯވެސް ކިޔަނީ ވަދުނިއްޔޭތަ؟

    14
    1
  2. ހުސޭނުބޭ

    މިހާތަނަށް މި ވޯލްޑްކަޕްގައި ޖެހި ހުރިހައި ލަނޑެއް ޖެހީ ރޮނާލްޑޯ. އެވަރިހަމަ އޭނާގެ ޓީމު ނުކުޅުނަސް. ތިހުރީ ފެންނަން ...... ރޮނާލްޑޯގެ ބޮލުގައި ބޯޅަ ނުވެސް ޖެހޭ

    17
    12
  3. ޑޮކު

    ބުރޫނޯ ކީއްވެތަ މެންޔޫގަ ތިފެންވަރަށް ނުކުޅެނި؟

  4. ަހިޖު

    މުޅިންވެސް ހިހޫ ތަނުން ކާގެން އުޅޭ މީހެއް