ކުޅުންތެރިން ބަދަލު ކުރުމުގެ ޕްރެޝަރު އޮތް ނަމަވެސް މިރޭ އިންގްލެންޑުން ކުޅޭ ގްރޫޕް ސީގެ ފަހު މެޗަކީ ހުރިހާ ކުޅުންތެރިން ޓެސްޓުކުރަން ލިބޭ ފުރުސަތެއް ނޫން ކަމުގައި އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުކުންނައިރު އިންގްލެންޑް އޮތީ ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައެވެ. ދެވަނަ ބުރަށް ދިއުމަށްޓަކައި އިންގްލެންޑަށް އަދި އެއް ޕޮއިންޓް ބޭނުންވާނެއެވެ.

އިންގްލެންޑުން އެމެރިކާއާ ދެކޮޅަށްވެސް އަރުވާފައިވަނީ ހަމަ އިރާނާއި ދެކޮޅަށް ކުޅުނު ފުރަތަމަ 11 ކުޅުންތެރިންނެވެ. މާނައަކީ ފުރަތަމަ 11 ގައި ނުހިމެނޭ އިތުރު 15 ކުޅުންތެރިން އަދި އިންގްލެންޑުގެ ސްކޮޑްގައި އެބަ ތިބިއެވެ. މި މެޗަށް ނުކުންނައިރު ކުޅުންތެރިން ބަދަލުކުރަން ވަރަށް ގިނަ ސަޕޯޓަރުން ދަނީ ސައުތުގޭޓަށް ގޮވާލަމުންނެވެ.

ސައުތުގޭޓާއެކު އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި އިންގްލެންޑުގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އަކީ މި މެޗުގެ ފުރަތަމަ 11 އަށް ގެންނާނެ ބަދަލެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މި މެޗުގައިވެސް މާ ގިނަ ބަދަލުތަކެއް ފެނިގެން ނުދާނެކަމަށް ސައުތުގޭޓްގެ ވާހަކަތަކުން ދޭހަވެއެވެ.

"އެއީ އަބަދުވެސް ޗެލެންޖެއް. އަހަރެމެންގެ އެބަތިބި 26 ކުޅުންތެރިން. އެކަމަކު އަހަރެމެން މި ތިބީ ބޮޑު މުބާރަތެއްގައި، މީގައި މުހިންމީ ހުރިހާ ކުޅުންތެރިން މެޗަށް އެރުވުމެއް ނޫން. އަހަރެމެން ބޭނުން މުބާރާތުގައި ދެވޭ އެންމެ ދުރަކަށް ދާން. ކުޅުންތެރިންވެސް އެކަކު އަނެކަކަށް ސަޕޯޓްކުރޭ. އަދި ބައެއް ކުޅުންތެރިންނަށް ކުޅެން ފުރުސަތު ނުލިބުނީމަ ދެރަވެސް ވާނެ." ކޯޗު ބުންޏެވެ.

"އަހަރު ތެރޭގައި އޮންނަ އެހެން މުބާރާތްތަކުގައި އަހަރެމެން ބަލަން ވީ ވަރަކުން ހުރިހާ ކުޅުންތެރިންނަށްވެސް ގޭމް ޓައިމް ދެވޭތޯ. އެކަމަކު ވޯލްޑްކަޕެއްގައި ކުޅޭއިރު ކޮލިފައިވެފައި ނެތިއްޔާ އެގޮތަކަށް ކަންތަކެއް ނުކުރެވޭނެ."

"އަހަރެމެން ވަރަށް ނަސީބުގަދަ އަހަރެމެންގެ ކުޅުންތެރިންނަށް މިކަން ވިސްނޭތީ. ހުދު އަހަރެންވެސް ވާނީ ގިނަ މިނެޓްތަކެއް ނުލިބި މުބާރާތް ތަކަށް ގޮސްފައި." ސައުތް ގޭޓް ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ ބަދަލު ކުޅުންތެރިންގެ މަސައްކަތަކީ ރަނގަޅަށް ތަމްރީންވެ، އެހެން ކުޅުންތެރިންނަށް ސަޕޯޓްކޮށް، ވަގުތު ޖެހޭއިރު ތައްޔާރަށް ތިބުން ކަމުގައެވެ.

ވޭލްސް އާ ދެކޮޅަށް ކުޅޭ މެޗުގައި ފެންނާނީ ކޮންކަހަލަ ލައިންއަޕެއްތޯ ސުވާލުކުރުމުން ސައުތްގޭޓް ބުނެފައިވަނީ ހޮވާނީ މޮޅުވެވޭނެ ކަމަށް ގަބޫލްކުރާ ޓީމެއްކަމަށެވެ. މި މެޗުގައި ބަދަލުކުރާނެކަމުގެ އަޑުތައް ފެތުރިފައިވާ އަނެއް ކުޅުންތެރިއަކީ ކެޕްޓަން ހެރީ ކޭންއެވެ. ނަމަވެސް ކޯޗު ބުނެފައިވަނީ ކޭން ފިޓް ކަމަށެވެ.

ވޭލްސްއިން މިރޭ ނުކުންނާނީ ވަރުގަދަ ހިތްވަރަކާއެކު ކަމަށާއި އިންގްލެންޑުން ވެސް ހަމަ އެހާ ހިތްވަރު ދައްކަން ޖެހޭނެކަމަށްވެސް ސައުތުގޭޓް ވަނީ ބުނެފައެވެ.

1984 ވަނަ އަހަރުގެ ފަހުން ވޭލްސްއާ ދެކޮޅަށް ކުޅެ އިންގްލެންޑް ބަލިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖެރާޑް

    ކަލޭ ނޫން އެހެންމީހެއް އިންގްލޭންޑް ކޯޗަކަށްހުރިނަމަ މިފަހަރު މިއޮތް ސްކޮޑުން ވޯލްޑްކަޕް ނަގާނެ.. .

    • Juhaa

      އެހެންވިއްޔާ ކަލޭ އެކަމާ ހަވާލުވާންވީއެއްނު.