މި އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދިއުމަށް މިރޭ އުރުގުއާއީގެ ޓީމު ނުކުންނާނީ ގާނާގެ ކައިރިން މޮޅުވާން ކަމަށް އުރުގުއާއީގެ ކޯޗު ޑިއޭގޯ އަލޮންސޯ ބުނެފިއެވެ.

މިއަހަރުގެ ވޯލްޑްކަޕްގައި އުރުގުއާއީ އަށް އަދި އެއްވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މުބާރާތުގައި ކުރިއަށް ދާން ބޭނުން ނަމަ އުރުގުއާއީއަށް މިރޭ ޖެހޭނީ ގާނާގެ ކައިރިން މޮޅުވާށެވެ.

"އަހަރެމެން ބަލާނީ ގާނާގެ ކައިރިން މޮޅުވާން. އެކަމުގައި އެއްވެސް ޝައްކެއްނެތް. ބަދަލުތައް ގެންނަން ޖެހޭނަމަ އަހަރެމެން ބަދަލުތައްވެސް ގެންނާނާން." ކޯޗު ބުނެފައިވެއެވެ.

މީގެ 12 އަހަރުގެ ކުރީގެ ހާދިސާގެ ވާހަކައާ ގުޅިގެން އަލޮންސޯ ބުނީ އެމީހުންނަށް އެއީ ތަފާތު ތާރީހެއް ކަމަށެވެ. އަދި މި މެޗުގައި ގާނާއިންވެސް ބަލާނީ ދެވަނަ ބުރަށް ދެވޭތޯ ކަމަށާއި އުރުގުއާއީގެ އަމާޒަކަށްވެސް ވަނީ ދެވަނަ ބުރު ކަމަށް އަލޮންސޯ ވަނީ ބުނެފައެވެ. އަދި މިކަމާ 12 އަހަރު ކުރީގެ ހާދިސާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް ކޯޗު ބުނެފައިވެއެވެ.

މީގެ 12 އަހަރު ކުރިން ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގައި ގާނާއާއި އުރުގުއާއީ ބައްދަލުކުރި މެޗުގައި އެންމެ ފަހު ވަގުތު ގާނާއިން ޖެހި ލަނޑެއް ސުއަރޭޒް ވަނީ އަތުން ހުއްޓުވާފައެވެ. ސުއަރޭޒްއަށް ރަތްކާޑު ދައްކާ ގާނާއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ޕެނެލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އެއާއެކު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނެލްޓީ ޝޫޓްއިން މެޗު ކާމިޔާބުކޮށް އުރުގުއާއީ ވަނީ ސެމީ ފައިނަލަށް ގޮސްފައެވެ.

މި މެޗުގެ މުހިންމުކަން ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އަލޮންސޯ ވަނީ ބުނެފައެވެ. އަދި ހުރިހާ ކުޅުންތެރިންނަށް ވެސް އަދިވެސް ޓީމަށް އިތުބާރު އެބައޮތް ކަމަށް ވެސް އަލޮންސޯ ވަނީ ބުނެފައެވެ.

"އަހަރެމެންގެ އަތުގައި ހުރި ހުރިހާ ހަތިޔާރެއް އަހަރެމެން ބޭނުން ކުރާނަން." އަލޮންސޯ ބުނެފައިވެއެވެ.

ހުރިހާ ކުޅުންތެރިންވެސް ކުޅެންޖެހޭނީ ވަރަށް މިނިވަންކަމާއެކުގައި، ހަމަޖެހިގެން ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންގެ މައްޗަށްވެސް އިތުބާރު އެބައޮތްކަމަށްވެސް އަލޮންސޯ ވަނީ ބުނެފައެވެ.

2002 ވަނަ އަހަރުގެ ފަހުން އުރުގުއާއީ ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުން ކަޓާފައެއް ނުވެއެވެ.