އިންގްލެންޑް ގައުމީ ޓީމުގައި ހިމެނޭ ރަހީމް ސްޓާލިން ދިރިއުޅޭ ގެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ސްޓާލިންގެ އާއިލާ އަށް ބިރު ދެއްކުމަށް ފަހު، އަގު ބޮޑެތި ގަޑިތަކެއް ވަގަށް ނަގައިފިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަ ސްޓާލިންގެ ގެއަށް ހަތިޔާރު އެޅި ބަޔަކު ވަތް އިރު، އޭނާ މިވަގުތު ހުރީ އިންގްލެންޑްގެ ގައުމީ ޓީމާ އެކުގައި ގަތަރުގައެވެ. އެކަމަކު، އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނީ އާއިލާއެކު ވަގުތު ހޭދަކުރުމަށް ސްޓާލިން އިނގިރޭސި ވިލާތަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ސްޓާލިން އެނބުރި އިނގިރޭސި ވިލާތަށް ދާނެ. އޭނަ އާއިލާއާ އެކުގައި ވަގުތު ހޭދަކުރަން ބޭނުން ވާނެ. އަހަރެން ބޭނުމެއް ނޫން އޭނާ ޕްރެޝަރަށް ދުއްވާލާކަށް،" އިންގްލެންޑް ކޯޗު ބުންޏެވެ.

ޗެލްސީ އަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ސްޓާލިން ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި 6-2 އިން އިރާން އަތުން މޮޅުވި މެޗުގައި ލަނޑެއް ވެސް ޖަހައިފައެވެ. އަދި އެމެރިކާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުވި މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ސްޓާލިން ކުޅެފައިވެއެވެ. އެކަމަކު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވޭލްސް އާ ދެކޮޅަށް ކުޅެ 3-0 އިން މޮޅުވި މެޗުގައި ސްޓާލިން ކުޅެން އަރުވާފައެއް ނުވެއެވެ.

އަދި ދެވަނަ ބުރުގައި ރޭ ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑްގައި ވެސް އޭނާ ހިމަނާފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އުމުރުން 27 އަހަރުގެ ފޯވާޑް ދިރިއުޅޭ ގެއަށް ވަދެ ބަޔަކު ވަނީ އެ ގެއިން ބައެއް ތަކެތި ފޭރިގެންފައެވެ. އެކަން ހިނގާފައި ވަނީ ސްޓާލިންގެ ލޯބިވެރިޔާ އާއި ކުދިން ވެސް ގޭގައި ތިއްބައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ގެއިން ވަގަށް ނެގީ 370،000 ޑޮލަރު (5 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ އަގު ހުރި ގަޑިތަކެކެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުން ވެސް އެ ގޭގައި ހަރަކާތްތެރިވިއެވެ.

ސްޓާލިން، އިންގްލެންޑް ޓީމާ އަލުން ގުޅޭނެތޯ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން ސައުތުގޭޓް ބުނީ މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭނީ އާއިލާ އަށް ކަމަށާއި އެކަމުގައި ޓީމުން އެހީތެރިވާނެ ކަމަށެވެ.

"އަހަރުމެން މަޑުކޮށްގެން ބަލަން ތިބެން ޖެހޭނީ،" ކޯޗު ބުންޏެވެ.

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ މި މަހުގެ 11 ވަނަ ދުވަހުގެރޭ ފްރާންސާ ދެކޮޅަށެވެ.

ސްޓާލިންގެ އިތުރުން އިންގްލެންޑްގެ ޑިފެންޑަރު ބެން ވައިޓް ވެސް ވަނީ އަމިއްލަ ސަބަބަކާ ހުރެ ގައުމީ ޓީމު ދޫކޮށް އިނގިރޭސި ވިލާތަށް ގޮސްފައެވެ.