ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓާ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ސްކޫލްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ސިޓީ ފޮނުވަން އެދޭ ކަމަށެވެ.

އަންނަ އަހަރު ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުވަން ޖެހޭނެކަމަށް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ 14:00ގެ ކުރިން މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމްލިސްޓު ހުށަހަޅަންޖެހޭ ކަމަށް ވަނީ ބުނެފައެވެ.

އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބާއްވާނީ 15 އަހަރާއި 17 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން އަދި ފިރިހެން ކެޓަގަރީއަށް ބަހާލައިގެންނެވެ.

މީގެ ކުރިން ހަ ފަހަރެއްގެ މަތިން އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ވަނީ ބާއްވާފައެވެ.

ހޭންޑްބޯޅަ އެސޯސިއޭޝަނުން އަންނަނީ ޒުވާން ކުދިން މި ކުޅިވަރަށް ޝައުގިވެރިކަން އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ. އަދި ދާދި ފަހުން ހޭންޑްބޯޅަ ކޯޗިން ކޯހެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.