ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި އިންގްލެންޑް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ތަށި ދިފާއުކުރުމާއި އެއް ފިޔަވަޅު ގާތަށް ޖެހިލާ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ގަތަރުގެ އަލްބައިތް ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މެޗު ފުރާންސް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލްގައި ފްރާންސް ބައްދަލުކުރާނީ މޮރޮކޯއާއެވެ. އެ މެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ގަޑިން 00:00 ގައެވެ.

ފްރާންސުން ވަނީ 1998 އާއި 2018 ގައި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. ފްރާންސަކީ މުބާރާތުގެ އެއް ފޭވަރިޓެވެ. މިއީ ފްރާންސް ވޯލްޑްކަޕަށް ކޮލިފައިވި 16 ވަނަ ފަހަރެވެ. އަދި މިފަހަރަކީ އެގައުމު ސެމީ ފައިނަލަށް ދިޔަ 7 ވަނަ ފަހަރެވެ. މިފަހަރަކީ އަނެއްކާވެސް ފްރާންސްގެ ފަހަރަކަށް ވުން އެކަށީގެންވެއެވެ.

ދެ ޓީމުންވެސް މެޗު ފަށާފައިވަނީ ވަރަށް ވަރުގަދަ ކޮށެވެ. ދެ ޓީމުންވެސް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅަށް ނުރައްކާ ކޮށް ގޯލެއް ކާމިޔާބު ކުރަން ކަން ދެ ޓީމުންވެސް ދިޔައީ ދައްކަމުންނެވެ.

އެމްބާޕޭ ކައިރިން ރައިސް ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 10 ވަނަ މިނެޓްގައި ފްރާންސްގެ ޖިރޫ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޑެމްބެލޭ ނަގައިދިން ހުރަހަކުން ޖިރޫ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ.

ފްރާންސުން މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައި ވަނީ މެޗުގެ 17 ވަނަ މިނެޓްގައެވެ. މިއީ އޮރީލިއަން ޗުއަމެނީ ޕެނެލްޓީ އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ވަރަށް ބާރަށް ފޮނުވާލި ރީތި ހަމަލާއެކެވެ.

ޗުއަމެނީ ފްރާންސްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދެނީ --- ފޮޓޯ: ޓެލެގްރާފް

މެޗުގެ 21 ވަނަ މިނެޓްގައި އިންގްލެންޑަށް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްލާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ހެރީ ކޭން ފޮނުވާލި ބޯޅަ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުންވެސް އެ ބޯޅަ ގޯލަށް ވައްދާލާނެ ފުރުސަތު އިންގްލެންޑަށް ލިބުނު ނަމަވެސް ފްރާންސްގެ ޑިފެންސުން ވަނީ މި ބޯޅަ ކްލިއަރ ކޮށްފައެވެ.

އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ މެޗުގެ 28 ވަނަ މިނެޓްގައިވެސް ރީތި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން ކޭން ވަރަށް ބާރަށް ފޮނުވާލި ބޯޅަ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށްފައެވެ. މި މުބާރާތުގައި އިންގެލެންޑުގެ ކެޕްޓަން ހެރީ ކޭން ދައްކަމުން ދިޔަ ކުޅުމާއިމެދު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް މުބާރާތުގެ ކުރީ ކޮޅު ވަނީ އަމާޒުވެފައެވެ. ނަމަވެސް ކުއާޓަރ ފައިނަލްގައި ސެނެގާލް ކޮޅަށް ޖެހި ލަނޑާއެކު ކޭން މިރޭ ފެންނަނީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

ހެރީ ކޭން ހަމަލާއެއް ފޮނުވާލަނީ --- ފޮޓޯ: ގެޓީ އިމޭޖަސް

ފުރަތަމަ ހާފް ނިމެން ކައިރިވީ އިރުވެސް ފެންނަމުން ދިޔައީ ދެ ޓީމުންވެސް ވަރަށް ބޮޑަށް އެޓޭކިންގް ގޭމެއް ކުޅެމުން ދިޔަތަނެވެ. ފުރާންސްގެ ފުރަތަމަ ގޯލަށް ފަހު އިންގްލެންޑުން ވަނީ އެމީހުންގެ ކުޅުމާއި ހަމަލާތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ އިންގްލެންޑުން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ފްރާންސް ލީޑުގައި އޮވެގެންނެވެ.

އިންގްލެންޑުން ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށުމުގެ ނަތީޖާއެއްގެ ގޮތުން 46 ވަނަ މިނެޓްގައި ބެލިންގްހަމް ވަނީ ގޯލަށް އަމާޒުކޮށް ރީތި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ކީޕަރު ލޮރިސް ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.

އިންގްލެންޑުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 53 ވަނަ މިނެޓްގައި އިންގްލެންޑަށް ލިބުނު ޕެނެލްޓީއަކުން ކެޕްޓަން ހެރީ ކޭންއެވެ. މިއީ ޗުއަމެނީ ސަކާއަށް ކުރި ފައުލަކާއި ގުޅިގެން އިންގްލެންޑަށް ލިބުނު ޕެނެލްޓީއެކެވެ. ކޭންގެ މި ގޯލާއެކު އޭނާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދީފައިވާ ވޭން ރޫނީގެ ރިކޯޑާއި އެއްވަރުކޮށްފައެވެ. އަދި ކޭން މިވަނީ ވޯލްޑްކަޕްގެ ތާރީހުގައިވެސް(ޕެނެލްޓީ ޝޫޓްއައުޓްތައް ނުލާ) އެންމެ ގިނަ ޕެނެލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށް ވެފައެވެ.

ކޭން ޕެނެލްޓީ ކާމިޔާބު ކުރުމަށްފަހު އުފާ ފާޅުކުރަނީ -- ފޮޓޯ: ގެޓީ އިމޭޖަސް

ހަމަ މި ގޯލާއި ވިދިގެން ފްރާންސުންވަނީ އިންގްލެންޑުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނަމަވެސް ރެބިއޮޓް ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. ހަމަ އެއަށްފަހު އަނެއްކާވެސް އެމްބާޕޭ ވަނީ ވަރަށް ބާރަށް ދުވެފައިގޮސް ރީތި ހުރަހެއް ނަގާދީފައެވެ. ނަމަވެސް ޑެމެބެލޭ އަށް މާ ރަނގަޅަށް މި ބޯޅައަށް އެރޭގޮތް ވަނީ ނުވެފައެވެ.

މެޗުގެ 60 ވަނަ މިނެޓްގައި ބުކާޔޯ ސަކާވެސް ވަނީ ފްރާންސްގެ ގޯލަށް ހަމަލާއެއް ދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ކީޕަރު ލޮރިސް ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ 69 ވަނަ މިނެޓްގައި އިންގްލެންޑަށް ވަނީ މެޗުގެ ލީޑް ނަގާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން މެގުއަޔާގެ ބޮލުން ފޮނުވާލި ބޯޅަ ގޮސްފައިވަނީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ފުރާންސަށްވެސް ވަނީ މެޗުގެ ލީޑް ނަގާނެ ރަނގަޅު ފުރުސަތެއް 77 ވަނަ މިނެޓްގައި ލިބިފައެވެ. ނަމަވެސް ޖިރޫޑް ފޮނުވާލި ބޯޅަ ކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް އޭގެ ދެ މިނެޓްފަހުން ގްރީޒްމެން ނަގައިދިން ހުރަހެއް ޖިރޫގެ ބޮލުން ގޯލު ތެރެއަށް ވައްދާލާ ވަނީ މެޗުގެ ލީޑު ނަގާފައެވެ.

އިންގްލެންޑާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ގެޓީ އިމޭޖަސް

މެޗުގެ 80 ވަނަ މިނެޓްގައި އަނެއްކާވެސް އިންގްލެންޑަށް ވަނީ ޕެނެލްޓީއެއް ލިބިފައެވެ. ނަމަވެސް ހެރީ ކޭން ގެ ޕެނެލްޓީ ކީޕަރު ލޮރިސް ވަނީ ދިފާއުކޮށް އިންގްލެންޑު މާޔޫސްކޮށްލާފައެވެ.

ދެވަނަ ހާފްގެ އިތުރު ވަގުތުގައިވެސް ގޯލެއް ޖެހޭތޯ އިންގްލެންޑުން ވަނީ ވަރަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މި ފަހަރު މިއީ އިންގްލެންޑުގެ ފަހަރެއްނޫނެވެ.

މި މެޗުގައި ފްރާންސުން ވަނީ އިންގްލެންޑް ގެ ގޯލަށް 8 ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން އަމާޒަށް ސީދާވެފައިވަނީ 5 ހަމަލާއެވެ. އަދި އިންގްލެންޑުން 15 ހަމަލާ ފޮނުވާލާފައި ވާއިރު އަމާޒަށް ސީދާވެފައިވަނީ 8 ހަމަލާއެވެ. ފުރާންސަށް 2 ކޯނަރު ލިބިފައިވާއިރު އިންގްލެންޑަށް ވަނީ 5 ކޯނަރު ލިބިފައެވެ.

ފްްރާންސް ކުއާޓާ ފައިނަލަށް ދިޔައީ 3-1 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށްގެންނެވެ. ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ އޮސްޓްރޭލިއާ 4-1 ގެ ނަތީޖާއަކުން އަދި ޑެންމާކް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ނަމަވެސް ތިން ވަނަ މެޗުގައި ފްރާންސް ވަނީ ޓިއުނީޝިއާ އަތުން 1-0 އިން ބަލިވެފައެވެ. ފްރާންސްގެ ތިން ވަނަ މެޗަށް އެ ޓީމު ނުކުތީ، ވަރަށް ގިނަ ބަދަލުތަކާ އެކުގައެވެ.

އިންގްލެންޑް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ސެނެގާލް އާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އެޓީމުން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެމެރިކާއާއި ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، އީރާނާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންގްލެންޑު ވަނީ ވޭލްސްއާއި ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ރެއިންބޯ ބޭންޑް އަޅަން ބޮޑާހޭކި ސޮރުތަ ޕެނަލްޓީ ބޭރަށް ޖެހީ 😂

    28
    2
  2. އަހްމަދު

    އެލްޖީބީޓީ ތީމްތަށް ކެތީ! ރަށަށް ގޮސް ރަށުގައި ތިކުޅިކުޅޭ!!!

    12
    1
    • ކުޅި

      އެހެންމާ ރަށަށް ގޮސް ކުޅިކުޅުނަސް އޯކޭތާދޯ ތެންކިޔު ހަހަހަ

  3. Anonymous

    ރެއިންބޯ ބޭންޑަށް މަރުދިންކަލޭގެއަށް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން. އަވަހަށް ރަށަށްދޭ. އާތް ހޯ. ދެން ލަލަލާ.

    7
    1
    • ކުޅި

      ނުވިސްނޭ ވިސްނާކަށް ނުޖެހޭ ދެން ލަލަލާ

      2
      2
  4. ބަދި

    ދެން ކުޅޭ ރަށަށް ގޮސް ، ރެއިންބޯ ބޭންޑު ލަލަލާ

    6
    1
    • ކުޅި

      ބަދި ކަލޯ ވެސް ކުޅެލަންވީއެއްނު ހެހެ

      2
      3