ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި އާޖެންޓީނާގެ ކުޅުންތެރިޔާގެ ރިކޯޑް ލިއޮނެލް މެސީ ހެދުމުން، ކުރިން މި ރިކޯޑް އޮތް އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ގެބްރިއެލް ބަޓިސްޓޫޓާ ހުރީ އުފަލުންކަމަށް އޭނާ ބުނެފިއެވެ.

އެންމެ ފަހުން ސެމީ ފައިނަލްގައި ކްރޮއޭޝިއާ އާއި ބައްދަލު ކުރި މެޗުގައި މެސީ ކާމިޔާބުކުރި ޕެނެލްޓީއާއި އެކު ވޯލްޑް ކަޕްގައި މެސީ ޖަހާފައިވާ ގޯލުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

"މެސީ އަހަރެންގެ ރެކޯޑް މުގުރާލުމަކުން އަހަރެން އެއްވެސް ވަރަކަށް ދެރައެއް ނުވޭ. އަހަރެންގެ އަތުގައި އެ ރެކޯޑް އޮތްހާ ދުވަހު އަހަރެން އެކަމާ އުފާ ކުރިން." 53 އަހަރުގެ ބަޓިސްޓޫޓާ އާޖެންޓީނާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވެއެވެ.

"މެސީއަށް މި ރެކޯޑް ހައްގު. އެއްވެސް މީހަކަށް އެހިސާބަށް ދެވެންޖެހޭނަމަ، އެއީ މެސީ." އޭނާ ބުންޏެވެ.

"މެސީއަކީ އޭލިއަނެއް ނޫން، އޭނާއަކީ ހުރިހާ އެންމެންނަށްވުރެ މޮޅަށް ފުޓްބޯޅަކުޅޭ އިންސާނެއް. އެކަހަލަ ކުޅުންތެރިއަކު ތިމާއަށް ވުރެ ކުރިއަރާ ދިޔަސް އެކަމާ ދެރައެއް ނުވާނެ، ވާނީ އުފާ." ބަޓިސްޓޫޓާ ބުނެފައިވެއެވެ.

ބަޓިސްޓޫޓާ ވަނީ އޭނާގެ ކެރިއަރުގައި ކުޅުނު ތިން ވޯލްޑްކަޕްގައި އާޖެންޓީނާއަށް 10 ގޯލު ކާމިޔާބު ކޮށްދީފައެވެ. އެއީ 1994، 1998، އަދި 2002 ވަނަ އަހަރުއެވެ.

ބަޓިސްޓޫޓާ އިތުރަށް ބުނެފައިވަނީ އޭނާ ހީކުރި ވަރަށްވުރެވެސް މޮޅު ކުޅުމެއް މި މުބާރާތުގައި މެސީ ދައްކަމުން އަންނަ ކަމަށެވެ.

"އަހަރެން ހީކުރީ މިފަހަރު އޭނާ ހުންނާނީ ތަންކޮޅެއް މަޑުން ކަމަށް. އެކަމަކު އޭނާ ކުޅެމުންދަނީ އަދިވެސް 20 އަހަރުގެ ކުޅުންތެރިއެއް ގޮތަށް. އެއީ މެސީ މި މުބާރާތް ކާމިޔަާބު ކުރުމަށް ބޭނުންވާ ވަރުން. އޭނާ މިފަހަރު އެ ހުރީ ދުނިޔޭގެ ތަށި ހާސިލްކުރަން ނުކުމެ. ފުޓްބޯޅައަށް ބޭނުންވަނީ އެ އަޒުމާއި ހިތްވަރު. މެސީ މުޅި ޓީމަށްވެސް އެ ދައްކައިދެނީ އެކަން." އާޖެންޓީނާގެ ކުރީގެ ސްޓްރައިކަރު ބުނެފައިވެއެވެ.

ތަށި ދިފާއުކުރަން ނުކުންނަ ފްރާންސް ބަލިކޮށް އާޖެންޓީނާއަށް މިފަހަރު ތަށި އުފުލާލެވޭނެ ކަމަށް ބަޓިސްޓޫޓާ ގަބޫލުކުރެއެެވެ.

"މި މަގާމު ހޯދުމުގެ ހުރިހާ ޝަރުތެއް އާޖެންޓީނާގެ ޓީމުގައި ހަމަވޭ." ބަޓިސްޓޫޓާ ބުނެފައިވެއެވެ.

މި މުބާރާތުގައި އެންމެ ގިނަ ގޯލާއެކު މެސީ ދަނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއާއި އެކު މިފަހަރުގެ ރަންބޫޓަށްވެސް ވާދަކުރަމުންނެވެ. ދެ ކުޅުންތެރިންވެސް މި މުބާރާތުގައި 5 ލަނޑު ޖަހާފައިވާއިރު މެސީ ވަނީ 3 އެސިސްޓް ކޮށްދީފައެވެ. އަދި އެމްބާޕޭ ކޮށްދީފައިވަނީ 2 އެސިސްޓެވެ.