ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރު އޮންނަ ވޯލްޑް ކަޕް ފައިނަލް މެޗުގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އާޖެންޓީނާއެވެ.

މި ދެ ޓީމު ފައިނަލަށް ދަތުރުކުރި ގޮތަށް ބަލާއިރު، އާޖެންޓީނާ އިން ސެމީ ފައިނަލުގައި 0-3 ގެ ނަތީޖާއިން މުބާރާތުގެ ތިން ވަނަ ހޯދި ކްރޮއޭޝިއާ ވަނީ ބަލިކޮށްފައެވެ، ފްރާންސުން ސެމީ ފައިނަލުގައި މޮރޮކޯ ބަލިކުރީ 0-2 ގެ ނަތީޖާ އިންނެވެ.

ފްރާންސް އާއި އާޖެންޓީނާ އެންމެ ފަހުން 2018 ވަނަ އަހަރު ބައްދަލު ކުރި މެޗުން 3-4 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ފްރާންސް އިންނެވެ. އޭގެ ކުރިން އެކުވެރިކަމުގެ ދެ މެޗު ކުޅުނު އިރު 2009 ވަނަ އަހަރު އާޖެންޓީނާ އިން ވަނީ 0-2 ގެ ނަތީޖާއިން ފްރާންސް ބަލިކޮށްފައެވެ. 2007 ވަނަ އަހަރު އާޖެންޓީނާ އިން ފްރާންސް ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ.

ވޯލްޑް ކަޕް ފެށުނުއިރު އާޖެންޓީނާ ބަލިނުވެ ޖެހިޖެހިގެން 65 މެޗު ހަމަކޮށްފައިވާއިރު، ސައުދީ މެޗުން ބަލިވުމާއެކު އެޓީމު ހަދަމުން އައި ރެކޯޑް ވަނީ ފުނޑުފުނޑުވެފައެވެ. އާޖެންޓީނާ އިން އެންމެ ފަހުގެ ކޮޕާ އެމެރިކާ މުބާރާތް ވެސް ކާމިޔާބުކުރިއެވެ.

މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ޖަހައި ދިން ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި އަށް ގޯލު ޖަހާފައެވެ. މެރަޑޯނާ ވެސް ވަނީ ވޯލްޑް ކަޕްގައި އަށް ގޯލު ޖަހާފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީއަށް މެކްސިކޯއާއި ބައްދަލުކުރި މެޗުގެ އިތުރުން އޮސްޓްރޭލިއާއާއި ބައްދަލުކުރި މެޗުގެ މޭން އޮފް ދަ މެޗު ލިބިފައިވެއެވެ. އަދި ކުއާޓާ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ މޭން އޮފް ދަ މެޗު ހޯދާފައިވެއެވެ. އަދި އެންމެ ފަހުން ސެމީ ފައިނަލުގައި ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ މެސީއެވެ. މި ހަތަރު އެވޯޑާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނައިން މޭން އޮފް ދަ މެޗު ކާމިޔާބުކުރި ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައެވެ. މެސީ ވަނީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އަކުން ގޯލު ޖަހާފައެވެ. މެކްސިކޯ މެޗުގައި އޭރިއާ ބޭރުން ޖެހި ގޯލުގެ އިތުރުން އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ހިތްގައިމު ގޯލެއް މެސީ ވަނީ ޖަހާފައެވެ. އަދި ކްރޮއޭޝިއާ ދެކޮޅަށް ވެސް ޕެނަލްޓީ އަކުން ގޯލެއް ޖަހާފައެވެ.

މިއަހަރުގެ މުބާރާތުގައި މެސީ ވަނީ ރެކޯޑެެއް ވެސް ޤާއިމުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި އާޖެންޓީނާ އަށް އެންމެ ގިނަ ލަނޑު ޖަހައިިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. މެސީ ވަނީ މިހާތަނަށް ވޯލްޑް ކަޕްގައި 11 ލަނޑު ޖަހާފައެވެ. ކުރިން މި ރިކޯޑު އޮންނަނީ 10 ލަނޑު ޖެހި ގެބްރިއަލް ބަޓީސްޓޫޓާ އަތުގައެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން އެ ގައުމަށް އަދި މި މުބާރާތް ކާމިޔާބެއް ނުކުރެވެއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނެވެ.

ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އާޖެންޓީނާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ވަނީ ޕްރީ މެޗު ކޮންފަރެންސްގައި ބުނެފައެވެ.

އާޖެންޓީނާގެ ލަފާ ކުރެވޭ ފުރަތަމަ 11:

ލިސެންޑްރޯ މާޓިނޭޒް، ނަހޫލް މޮލީނާ، ކްރިސްޓިއަން ރޮމޭރޯ، އެމިލިއާނޯ މާޓިނޭޒް، މާކޮސް އަކޫނާ، ރޮޑްރިގޯ ޑި ޕައުލް، ގުއިޑޯ ރޮޑްރިގޭޒް، ޑި މާރިއާ، ލިއޮނަލް މެސީ، ޖޫލިއަން އަލްވަރޭޒް، ލައުޓާރޯ މާޓިނޭޒް.

ފްރާންސާ ދެކޮޅަށް ނުރައްކާ ކުރާނީ މެސީ!

ސެމީ ފައިނަލުގައި ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މެޗުގައި ލިއޮނަލް މެސީ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ ފޮޓޯ / ގެޓީީ އިމޭޖެސް

ވޯލްޑް ކަޕްގެ ގަދަ 16 ގައި 2-1 ގެ ނަތީޖާއަކުން އާޖެންޓީނާއިން އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދާފައިވާ އިރު، އެމެޗުގެ ތަރިއަކީ 1000 ވަނަ މެޗު ކެރިއަރުގައި ހަމަކުރި މެސީއެވެ. އެ މެޗުގައި މެސީ ގޯލެއް ޖަހައި މޮޅަށް ކުޅުނު އިރު، މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުގައި މެސީ ޖެހި ފުރަތަމަ ގޯލާއެކު އޭނާގެ ވޯލްޑް ކަޕް ގޯލުގެ އަދަދު މިހާރު ވަނީ 11 އަށް އަރައިފައެވެ. ޑިއެގޯ މަރަޑޯނާގެ ރެކޯޑު ވައްޓާލައި، އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ބަޓިސްޓޫޓާގެ ރެކޯޑާ މެސީ ވަނީ ވައްޓާލައިފައެވެ. އެންމެ ފަހުން މެސީ ގޯލު ޖެހީ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

އުމުރުން 35 އަހަރުގެ ލިއޮނަލް މެސީ ވަނީ މިހާތަނަށް ގައުމީ ޓީމަށް ބައިނަލް އަގްވާމީ ދެ ޓްރޮފީ ކާމިޔާބު ކޮށްދީފައެވެ. އެއީ 2019 ވަނަ އަހަރު ކާމިޔާބުކުރި ކޮޕާ އެމެރިކާ މުބާރާތުގެ ތައްޓާއި 2022 ވަނަ އަހަރު އިޓަލީ ބަލިކޮށް ކާމިޔާބުކުރި ފައިނަލިސިމިއާއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ފުޓުބޯޅައިގެ މައިދާނުގައި ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމެވެ. 2014 ވަނަ އަހަރު މުބާރާތުގެ ފައިނަލް މެޗުން ބަލިވި ނަމަވެސް މިފަހަރު މެސީ ހުރީ ރަނގަޅު ފޯމެއްގައެވެ. އާޖެންޓީނާ އިން މެސީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މި މެޗުން މޮޅުވުން މަޖުބޫރު ވާނެއެވެ. މިއީ މެސީގެ ފަހު ވޯލްޑް ކަޕް ކަމަށްވުމާއެކު މިއީ މެސީއަށް މަރުގެ މެޗެކެވެ.

އާޖެންޓީނާއާ ދެކޮޅަށް ނުރައްކާ ކުރާނީ ކިލިއަން އެމްބާޕޭ!

އެމްބާޕޭ ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް އުފާ ފާޅު ކުރަނީ. --- ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ ފޯވާޑަށް ކުޅެމުން އަންނަ އެމްބާޕޭ އަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ޒުވާން ކުޅުންތެރިޔާއެވެ. މި މެޗަށް ނިކުންނައިރު އެމްބާޕޭ ހުއްޓުވަން މަސައްކަތް ކުރާނީ އާޖެންޓީނާގެ ޑިފެންޑަރު ނަހުއެލް މޮލީނާއެވެ. އެމްބާޕޭ އަކީ ގޯލާ އެންމެ ރައްޓެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އެންމެ ފަހުގެ ފްރާންސް ލީގު ކާމިޔާބު ކޮށްދިނުމުގައި ޕީއެސްޖީއަށް މުހިއްމު ލަނޑުތަކެއް ޖަހައިދިން ކުޅުންތެރިޔާ އަކީ ވެސް އެމްބާޕޭ އެވެ.

އެމްބާޕޭ އަކީ އެެހެން ކުޅުންތެރިންނަށް ވުރެ ދުވެލި ބާރު އާދަޔާ ހިލާފަށް ބާރަށް ބޯޅައިގައި ޖަހާ ކުޅުންތެރިއެކެވެ. އެމްބާޕޭ ފުޓުބޯޅައިގެ ދުނިޔެއަށް ވިދާލީ ވެސް ވޯލްޑް ކަޕުންނެވެ. އޭނާ ދެއްކި މޮޅު ހުނަރުވެރި ކުޅުމަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިގެން ގޮސްފައެވެ. އުމުރުން އެންމެ 19 އަހަރުގެ ފުރަތަމަ ވޯލްޑް ކަޕް ކުޅުނު އިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އެންމެ ޒުވާން މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އެމްބާޕޭއެވެ.

އޮސްޓްރޭލިއާ އާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ވެސް އެމްބާޕޭ ގޯލެއް ޖަހައި އެއް އެސިސްޓްކޮށްފައިވެއެވެ. އޭގެ ފަހުން ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ދެ ގޯލް ޖެހިއެވެ. އަދި ޕޮލެންޑާއި ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ވަނީ ދެ ގޯލު ޖަހާފައެވެ.

މިއީ އެމްބާޕޭ 23، ގައުމީ ޓީމަށް ޖަހައި ދިން 33 ވަނަ ލަނޑެވެ. އެމްބާޕޭ ވަނީ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެ ދިން 16 މެޗުގައި 16 ލަނޑު ޖަހައިފައެވެ.

ފްރާންސްގެ ލަފާކުރެވޭ ފުރަތަމަ 11:

ލޯރިސް، ކޫންޑޭ، ވަރާން، އަޕަމެކާނޯ، ތިއޯ ހެނާންޑޭޒް، ޗުއަމެނީ، ރަބިއޯ، ޑެމްބެލޭ، ގްރީޒްމަން، އެމްބާޕޭ، ޖިރޫ.

ފްރާންސް މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ އޮސްޓްރޭލިއާ 4-1 ގެ ނަތީޖާއަކުން އަދި ޑެންމާކް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ނަމަވެސް ތިން ވަނަ މެޗުގައި ފްރާންސް ވަނީ ޓިއުނީޝިއާ އަތުން 1-0 އިން ބަލިވެފައެވެ. ފްރާންސްގެ ތިން ވަނަ މެޗަށް އެ ޓީމު ނުކުތީ، ވަރަށް ގިނަ ބަދަލުތަކާ އެކުގައެވެ. ފްރާންސުން ވަނީ ގަދަ 16 ގައި 1-3 ގެ ނަތީޖާއިން ޕޮލެންޑް ބަލިކޮށްފައެވެ. އަދި ކުއާޓާ ފައިނަލުގައި އިންގްލެންޑް ބަލިކޮށްފައެވެ.

ފްރާންސުން ވަނީ 1998 އާއި 2018 ގައި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. ފްރާންސްއަކީ މުބާރާތުގެ އެއް ފޭވަރިޓެވެ. އެންމެ ފަހުގެ ޗެމްޕިއަންގެ ހައިސިއްޔަތުން ފުރާންސް މިފަހަރު ފައިނަލް މެޗަށް ނިކުންނާނީ މަގާމު ދިފާއުކުރުމުގެ އަޒުމުގައެވެ. މިއީ ފްރާންސްވެސް ވޯލްޑްކަޕަށް ކޮލިފައިވި 16 ވަނަ ފަހަރެވެ. އަދި ކުއާޓާ ފައިނަލްގައި ފްރާންސް ވަނީ މިހާތަނަށް ނުވަ ވަނަ ފަހަރު ކުޅެފައެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލްގައި އިޓަލީ ކައިރިން ޕެނެލްޓީން ބަލިވެ ފްރާންސަށް ލިބިފައިވަނީ ދެވަނައެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުސަން

    އުންމީދަކީ އާޖެންޓީނާ ތަށިއުފުލާތަން ބަލަން އަދި އެމްބާޕޭ ރޯތަން ބަލަން

    8
    11
    • ޕްރޮފެސަރ މރ.ގޯޓް

      މެސީ ރޯތަން ފެންނާނީ

      1
      2
  2. ހަގީގަތް

    އަމިއްލަ އެދުމުން ފުރިފައިވާ އެމްބާޕޭ ޙަޔާތެއް ގަ ނުދެކެން ގޯލު ނުޖެހިގެން ތިވަރަށް ތެޅޭ ގޮލަ އެއް..ކަލޭ ރޯތަން ބަލަން ހާދަބޭނުމޭ

    5
    9
    • ޕްރޮފެސަރ މރ.ގޯޓް

      ކައޭ ޖޭ ވީ ދޯ އޭނަ މާ މޮޅު ވީމަ. މެސީ އާރޖެންޓީނާ މޮޅުވާނީ ފޭކު ޕެނަލްޓީ ދީގެން މޮޅު ކޮށްދިނީމާ

      3
      2
  3. ތަފާތު

    އަހުސަން، ހަގީގައި. ކަލޭމެން ދެމީހުންނަށް ފެންނާނެ މިރޭ މެސީ ރޯތަން ބަލަން ތިބޭ...

    1
    3
  4. ރިއަލިޓީ

    ސައޫދީ އަތުން ވެސް ދައްވީ، ދެންވެސް އާޖެންޓީނާ ވާނީ ދަށް!

    1
    2
  5. އަލަމްގިރި

    އޭ މިތާ ކޮމެންޓް ކުރާ ކުދިން އެމްބާޕޭ އަށް ނުބަވާތި. އަހަރެންނަށް ރޮވިދާނެ. އެއީ އަހަރުމެން ގްރޫޕް ކުއްޖެއް.

    1
    1