ފަންސާސް ހަ އަހަރު ފަހުން ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް ހެޓްރިކް ހަދައިފިއެވެ.

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މި ހެޓްރިކް ހެދީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއެވެ. އޭނާ ވަނީ މި ވޯލްޑް ކަޕްގައި އަށް ގޯލް ޖަހައިފައެވެ.

އެންމެ ފަހުން ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދީ 1966 ވަނަ އަހަރުއެވެ. އެއީ ވެސްޓް ޖާމަނީއާ ދެކޮޅަށް އިންގްލެންޑް އިން ކުޅުނު މެޗުގައި ޖިއޮފް ހާސްޓް ހެދި ހެޓްރިކެކެވެ.

ފައިނަލް މެޗުގައި އެމްބާޕޭ ލަނޑުތައް ޖެހީ މެޗުގެ 80 ވަނަ މިނެޓުގައި އާއި 81 ވަނަ މިނެޓުގައި އާއި 118 ވަނަ މިނެޓުގައެވެ. އޭގެ ތެރެއިން ދެ ގޯލްއަކީ ލިބުނު ޕެނަލްޓީން އެމްބާޕޭ ޖެހި ދެ ގޯލެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސް ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން އާޖެންޓީނާއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މި ދެ ޓީމު 2-2 އިން އޮތީ އެއްވަރުވެފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ކޮންމެ ޓީމަކުން އެއް ލަނޑު ޖެހުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީގައި ފްރާންސް ބަލި ކުރީ 4-2 އިންނެވެ.

ވެރިރަށް ޕެރިސްގެ އުތުރުގެ ކުޑަކުޑަ އަވަށަކަށް އުފަން އެމްބާޕޭއަކީ އާދައިގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. މިއަދު ފުޓްބޯޅައިގެ މަތީ ހަރުފަތަށް ދެވުނީ އޭނާގެ ގެއާ އެންމެ ކައިރީގައި އޮތް ކުޑަކުޑަ ދަނޑެއްގައި ރައްޓެހިންނާ އެކީ ކުޅުމަށްފަހު ބާކީ ހުރި ވަގުތުތައް އެކަނިމާއެކަނި ދަނޑުގައި ކުޅެގެންނެވެ. ފުޓްބޯޅައިގެ ހުނަރު އޭނާއަށް ލިބުނީ އެއްވެސް ލީގަކަށް ނުކުޅުނަސް ފުޓްބޯޅައިގައި މޮޅު ހުނަރެއް ލިބިފައިވާ އޭނާގެ ބައްޕަ ވިލްފްރައިޑް އެމްބާޕޭގެ ފަރާތުންނެވެ.

އުމުރުން 11 އަހަރުގައި ކައިލިއަން ހަފްތާއެއްހާ ދުވަހުގެ ތަމްރީނުތަކަށް ޗެލްސީ އިން ގެންދިޔައެވެ. އެއަށްފަހު އުމުރުން 12 އަހަރުގައި ރެއާލް މެޑްރިޑުން އޭނާއަށް އެއް ހަފްތާގެ ޓްރެއިނިންގ ލިބުނެވެ. އޭރު އެމްބާޕޭ އާއިލާއިން އެމީހުންގެ ދަރިފުޅު ފްރާންސްއިން ބޭރަށް ގެންދަން ޖެހިލުންވިއެވެ. މައިންބަފައިންނަށް އެތަކެއް ހުށަހެޅުންތައް މި ދެ ކްލަބުންވެސް ހުށަހެޅިއެވެ. އަގުހުރި މި ހުށަހެޅުންތަކަށް އެމްބާޕޭ އާއިލާ ބީރު ކަންފަތެއް ދިނެވެ. އަދި ފުރަތަމައިނުންވެސް ބޮންތީގައި ނުހިފުމަށް ނިންމިއެވެ. ބަދަލުގައި ފްރާންސްގެ އެންމެ މޮޅެތި ކުޅުންތެރިން އުފައްދާ އެކަޑަމީ ކްލެއަރފޮންޓެން އަށް އެމްބާޕޭ ވެއްދިއެެވެ.

ކެތްތެރިކަމާއިއެކީ މި އެކަޑަމީގައި ދެ އަހަރު ދުވަސް ކައިލިއަން ހޭދަކުރިއެވެ. އެއަށްފަހުވެސް، އޭނާގެ މައިންބަފައިން ނަސޭހަތްތެރިވީ އަދިވެސް އިތުރަށް އުނގެނުމަށެވެ. އެމީހުންގެ ދަރިފުޅުގެ އުޖާލާ މުސްތަގްބަލަށްޓަކައި ފްރާންސް ދޫކޮށް، މޮނާކޯއަށް ދިރިއުޅުން ބަދަލުކުރިއެެވެ. އަދި އުމުރުން 15 އަހަރުގައި މޮނާކޯ އެކަޑަމީއަށް މިސްރާބު ބަދަލުކުރިއެވެ.

ނަމަވެސް، މޮނާކޯ އެކަޑަމީއިން އޭނާއަށް ލީގްއަށް ވަނުމުގެ ފުރުސަތު ފަހިކޮށްނުދިނުމުގެ ސަބަބުން އެމްބާޕޭ އާއިލާއިން މިކަމާ ދެކޮޅަށް އަޑުއުފުލިއެވެ. އެއަށްފަހު، އުމުރުން 19 އަހަރު ނުވަނީސް، ފްރާންސް ތަމްސީލްކޮށް އޭނާގެ މޮޅު ކުޅުން ދުނިޔެއަށް ފާޅުކުރުމުގައި އެއްވެސް މީހަކަށް އޭނާ ނުހުއްޓުވުނެވެ.

އެމްބާޕޭ އަންނަނީ ޕީއެސްޖީ އަށް ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަޕޯޓަރ

    މެސީވެސް ވަނީ މިމެޗުގައި މުޅިއެކު 3 ގޯލު ޖަހާފަ.
    އެއީ ޕެނަލްޓީޝޫޓުގަ ޖެހި ޕެނަލްޓީއާ އެކީގަ.

    6
    23
    • Anonymous

      މަހިތުން ހ

      4
      1
    • ކްރޯޑް

      ރަގަޅު އެކަމަކު ހެޓްރިކް ބަލަނީ ކުޅުމުގެ ތެރެއިން ގޯލް ޖެހީމަދޯ

      9
      1
    • ލިވާޒު

      ޓީމު ކުޅުންތެރިން ބުރަމަސައްކަތުން ޕެނެލުޓީ ހޯދީމާ ޕެނަލޓީ ޖަހަން މެސީ މޮޅީ

      12
  2. ދިބާ

    ސާބަހޭ އެމްބާޕޭ ވޯލުޑު ކަފެއްގެ ފައިނަލުގަ ހެޓުރިކު ހެދުމަކީ އާދައިގެ ކަެމެއްނޫން އަމިއަލަ މަސެއްކަތުން ...

    14
    2