ސައުދީ އަރަބިއްޔާގެ ކްލަބް އަލް ހިލާލް އިން ހުށަހެޅި ދުނިޔޭގެ ރިކޯޑް ފީ ކަމުގައިވާ 259 މިލިއަން ޕައުންޑް ބަލައިނުގަތުމަށް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ނިންމައިފިއެވެ.

އެމްބާޕޭ އަށް ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ޓީމުތަކުގެ ތެރޭގައި ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ އަދި ޓޮޓެންހަމް ފަދަ ބޮޑެތި އެތައް ކުލަބްތައް ހިމެނެއެވެ. ނަމަވެސް ސައުދީގެ އަލް ހިލާލުން ވަނީ އެހެން ކުލަބުތަކަށް ވުރެ ބޮޑު އަގެއްގެ އޮފާއެއް ހުށަހަޅައިފައެވެ.

މި އޮފާ އާ މެދު ގޮތެއް ނިންމަން ދިން ކަމުގައިވިޔަސް 24 އަހަރުގެ އެމްބާޕޭ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. 600 މިލިއަން ޕައުންޑުގެ މުސާރައަށް ދިނުމަށް ބުނުމުން ވެސް އެމްބާޕޭ އެއްބަހެއް ނުވެއެވެ.

ޕީއެސްޖީގެ ރައީސް ނަސީރް އަލްހިލާފީ ވިދާޅުވެފައި ވަނީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަމަށާއި، އެމްބާޕޭއަކީ ޕީއެސްޖީއަށް އެންމެ މުހިއްމު ފޯވާޑް ކަމަށެވެ. އެމްބާޕޭއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ހިލޭ ދޫކޮށްލަން ބޭނުންނުވާ ކަމަށް ވެސް ނަސީރް ވިދާޅުވިއެވެ.

"އަހަރެންގެ ނުކުތާ ވަރަށް ސާފު ކޮންމެ ފަހަރަކު ރިޕީޓު ކުރާކަށް ބޭނުމެއް ނޫން. އަހަރުމެން ބޭނުމީ އެމްބާޕޭ މި ކްލަބުގައި މަޑުކުރަން. އެކަމަކު އޭނަ ބޭނުންވަނީ އާ ކޮންޓްރެކްޓެއް. މިއީ ފްރެންޗް ކްލަބެއް. އޭނާވެސް ހިލޭ އޮފާއެއްގައި ޓްރާންސްފާ ނުވާނެ ކަމަށް ބުނި. ފަހުން ހިޔާލު ބަދަލުވުމުން ޒިންމާ ނުނެގޭނެ" ޕީއެސްޖީގެ ކޯޗު ބުންޏެވެ.

ޕީއެސްޖީގެ އަރަމުން އަންނަ ތަރި އެމްބާޕޭ އެ ކްލަބުގައި މަޑުކުރަން ބޭނުން ނުވާ ކަމަށްވެއެވެ. ކުރިއަށް އޮތް ސީޒަނަށް ފަހު އެމްބާޕޭ، ޕީއެސްޖީއާ އެކުގައި ހެދި ކޮންޓްރެކްޓް ހަމަވާ އިރު، އަންނަ ސީޒަން ނިމުމުން ފްރީ ޓްރާންސްފާއެއްގައި އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދައެވެ.