ވޯލްޑް ކަޕް ތައްޓާއެކު އާޖެންޓީނާގެ ކުޅުންތެރިންނާއި އޮފިޝަލުން އެނބުރި ގައުމަށް ދިއުމަށް ވަނީ ސަޕޯޓަރުންނާއެކު އުފާފާޅުކުރުމުގެ ގޮތުން ބަހެއްގައި ވަކި ހިސާބަކަށް ދަތުރުކޮށްފައެވެ.

ޓީމު ދަތުރުކުރި އުޅަނދަކީ "އޯޕެން ޓޮޕް ބަސް" ނަމަކަށް ކިޔާ އުޅަނދެކެވެ. މި ބަސް އުސްކޮށް ހަދާފައި ހުންނަނީ ވަށައިގެން ތިބޭ ސަޕޯޓަރުންނަށް ކުޅުންތެރިންގެ ގައިގައި އަތް ނުލެވޭނެ ގޮތް ހެދުމަށެވެ. މި ބަސް ދަތުރުކޮށްފައިވަނީ އާޖެންޓީނާގެ ވެރި ރަށް ބޫނޯސް އައިރެސްގެ މަގުތަކުގައެވެ. މި މަންޒަރު ވަނީ ވަރަށް ގިނަ މީސް މީޑިއާގެ ވެބްސައިޓްތަކުން ވެސް ލައިވްކޮށްފައެވެ.

ގިނަ ބައެއްގެ ލޮލުގައި މި ލައިވް އިން އަޅައިގަތީ އެރަށުގެ މަގުމަތީގައި ދަމާފައިވާ ކަރަންޓް ކޭބެލާ ދިމާއަށް ބަސް ދުއްވާފައި ދިއުމުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ބައެއް ކުޅުންތެރިންގެ ގައިގައި ކިރިޔާ ޖެހޭ ނުޖެހި ދިޔުމުންނެވެ.

މެސީއާއިއެކު މި ބަހުގައި ތިބީ ރޮޑްރިގޯ ޑެޕޯލް، އަންހެލް ޑިމާރިއާ ލިއާންޑްރޯ ޕަރޭޑެސްއެވެ. އެހެން ކުޅުންތެރިންނާއި ހިލާފަށް މި ކުޅުންތެރިން ބަހުގެ މަތީ ގައި އިށީނދެގެން ތިބި އިރު، ކަރަންޓް ކޭބަލް ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ ޑިޕޯލްއަށް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ޑިޕޯލްއަށް އެ މަންޒަރު ފެނުމާއެކު އޭނާ ވަނީ އެހެން ކުޅުންތެރިންނަށް އިޝާރާތްކޮށް ސަމާލުކަމަށް ގެނެސްފައެވެ. މެސީ އެ ކަރަންޓް ކޭބަލުން ސަލާމަތް ވުމަށް ގުދުވެވުނީ ހަމަ ކިރިޔާއެވެ. ފަސް ސިކުންތު ވަރު ލަސްވި ނަމަވެސް މެސީއަށް އަނިޔާވާނެ ކަމަށް ބެލެވެއެވެ. ދެން ތިބި ކުޅުންތެރިން ވެސް ވަނީ ކޭބަލް ފެނުމާއި އެކީ ބޯ ތިރި ކޮށްލައިފައެވެ.

އާޖެންޓީނާގެ މަގުތަށް މިހާރު ވެސް ފުރިފައިވަނީ "10 ނަންބަރު މެސީ" ޖާޒީގައި ތިބި ސަޕޯޓަރުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. އަދި އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރުމާ ގުޅިގެން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އެމީހުން ތިބީ އާޖެންޓީނާގެ ދިދަ އާއި ޖާޒީ ލައިގެންނެވެ.

އެހެން ބައެއް ސަޕޯޓަރުން މެސީގެ މާސްކް އަޅައިގެން ތިބި އިރު، ބައެއް މީހުން މޫނުގައި ކުލަ ޖައްސާފައި ވެސް ހުއްޓެވެ. އަދި ފޮޓޯއަކުން އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާ ވައްތަރު މީހެއް ވެސް ފެނިފައިވެއެވެ.

ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ޖާދުލާ އެކު، 1986 ވަނަ އަހަރު އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން މިއީ އެގައުމުން ވޯލްޑް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އާޖެންޓީނާ އިން ވަނީ ޖެހިޖެހިގެން ބައިނަލް އަގްވާމީ ތިން މުބާރާތް ވެސް ކާމިޔާބު ކޮށްފައެވެ. އެއީ ކޮޕާ އެމެރިކާއާއި ފައިނަލީސިމާގެ އިތުރުން ވޯލްޑް ކަޕެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތްރެވި

    ހައްހައްހައްހައްހައްހަހަހާހާހާ!!!!!!!! މޮޔަކަމެއްގެ ރަންގަނޑެއް ނަގާ ބޮލަށްލާ މޮޔަފާޅުކުރުމުން ދިމާވާނެހާ ކަންކަން ތިޔަ ފެންނަނީ!!!