ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ކެންސަރުގެ ހާލަތު ގޯސްވެއްޖެ އެވެ.

ޕެލޭ ވަނީ، އޭނާގެ 21 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުނު 1363 މެޗުން 1281 ލަނޑު ކާމިޔާބުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފައެވެ. ފީފާއިން ހޮވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ޕެލޭ ވަނީ، ބްޒިކްގެ ގައުމީ ޓީމަށް އޭނާ ކުޅުނު 91 މެޗުގައި ޖުމުލަ 77 ލަނޑު ކާމިޔާބުކޮށްފައެވެ.

ޕެލޭ ،82، އަންނަނީ މިދިޔަ އަހަރު ސެޕްޓެމްބަރުން ފެށިގެން ހަޖަމްކުރާ ނިޒާމަށް ޖެހުނު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ބްރެޒިލްގެ ވެރިރަށް ސައޮޕާލޯގެ އަލްބާޓް އެއިންސްޓެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ޕެލޭ އަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ކެންސަރު ބަލި ޕެލޭގެ ހަށިގަނޑުގައި އިތުރަށް ފެތުރިފައިވާ ކަމަށާއި ޕެލޭގެ ކިޑްނީ އާއި ހިތަށް އިތުރު ފަރުވާ މިހާރު ބޭނުންވާ ކަމަށެވެ. ނަމަވެސް ޕެލޭ އަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ބާއްވައިގެން ނޫން ކަމަށް ހޮސްޕިޓަލުން ހާމަކުރެ އެވެ.

ކެންސަރު ބައްޔަށް ފަރުވާއެއް ނުލިބޭތީ ޕެލޭ މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް އިރު، އޭނާގެ އަނބިމީހާގެ އިތުރުން ދަރިން ތިބީ އޭނާގެ ކައިރީގައެވެ.

ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން 2021 ވަނަ އަހަރު ޕެލޭ އޮޕަރޭޝަނެއް ކުރިއިރު، އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރުވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.

ޕެލޭ ވަނީ، ވޯލްޑް ކަޕްގައި 14 މެޗު ކުޅެ އެ މުބާރާތުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފީފާ ގޯލްޑަން ބޯލް އެވޯޑް ޕެލޭ ހާސިލްކޮށްފައި ވެއެވެ. އޭނާ އަކީ ފުޓުބޯޅައަށް ބޮޑު އިންގިލާބެއް ގެނެސް އެ ކުޅިވަރުގެ ފޯރި މުޅި ދުނިޔޭގައި ގުގުމާލުމަށް އެންމެ ބުރަކޮށް މިއަދާ ހަމައަށް ވެސް މަސައްކަތް ކުރަމުން އައި އެކަކެވެ.