އުމުރުން 33 އަހަރުގައި ގަރެތު ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކުރީ ހޯމަ ދުވަހުގެ ރޭ އޭނާގެ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. ބޭލް އޭނާގެ ކެރިއަރު ފެށީ، 2006 ވަނަ އަހަރު ސައުތެމްޓަން އިންނެވެ. އެއަށްފަހު އޭނާ ވަނީ އެކިއެކި ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޓޮޓެންހަމާއި، ސްޕެއިންގެ ރެއާލް މެޑްރިޑު އަދި އެންމެ ފަހުން އޭނާ ކުޅުނު އެމެރިކާގެ އެލްއޭ އެފްސީ ހިމެނެއެވެ.

ބޭލްގެ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ސްޕެއިންގެ ރެއާލަށް ކުޅުނު ދުވަސްވެރެވެ. ބޭލް ރެއާލަށް ބަދަލުވީ ޓޮޓެމްހަމްގައި ހުރުމަށްފަހު، 2013 ވަނަ އަހަރުއެވެ.

ބޭލްގެ ކްލަބް ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލް މެޑްރިޑާ އެކުގައެވެ. ރެއާލުން، 2013 ވަނަ އަހަރު ބޭލްގެ ސޮއި ހޯދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޑޮލަރަށެވެ. ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެއެވެ.

ރެއާލްގައި ބޭލްގެ ހާއްސަ މެޗުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑަކީ ހާއްސަ މެޗެކެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެއެވެ.

ރެއާލާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް ކުޅެދިން 258 މެޗުގައި 106 ލަނޑު ޖަހައިފައެވެ. ރެއާލާއެކު އޭނާ ވަނީ ޖުމުލަ 16 ތައްޓެއް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ކޮޕަ ޑެލް ރޭ އާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ. ރެއާލާއެކު ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރޭގައި ވެސް ބޭލް ހިމެނެއެވެ.

ގެރެތް ބޭލް

ބޭލް އެންމެ ފަހުން ކުޅުނީ އެލްއޭ އެފްސީ އަށެވެ. އޭގެ ކުރިން ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ކުރީގެ ކުލަބް ޓޮޓެންހަމަށް ވެސް ކުޅެފަ އެވެ. އެމެރިކާގެ އެލްއޭ އެފްސީ އަށް ކުޅެދިން 13 މެޗުން ބޭލް ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އެމްއެލްއެސް ކަޕާއި، ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

ބޭލް އަށް ވޭލްސްގެ ގައުމީ ޓީމުން ވެސް ޖާގަ ލިބުނީ 2006 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 111 މެޗުގައި 41 ލަނޑު ޖަހައިފައެވެ. ބޭލް އަކީ ވޭލްސް ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. 64 އަހަރަށްފަހު ވޭލްސް ވޯލްޑް ކަޕް މުބާރާތަށް ކޮލިފައިވުމުގައި ވެސް ބޭލް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ވޭލްސް އާއެކު 2016 ވަނަ އަހަރު އޮތް ޔުރޯ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ކުޅެފައެވެ.

ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބޭލް ބުނީ، އެއީ އޭނާގެ ކެރިއަރުގައި ވެސް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި ގައުމީ ޖާޒީގައި ކުޅެ، ގައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ އަށް ލިބޭ އެންމެ ޚާއްސަ އެއް ކަންތައް ކަމަށެވެ. ބޭލް ބުނީ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި އޭނާ އެކަމާ ފަޚުރުވެރިވެ، އުފާވާ ކަމަށެވެ. ބޭލް ވަނީ އޭނާ އަށް އެހީތެރިވެދިން ކޯޗުންނާއި، އޮފިޝަލުންނާއި، އޭނާއާއެކު ކުޅުނު ކުޅުންތެރިންނަށް ޚާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. މީގެ އިތުރުން ބޭލް ބުނީ ކެރިއަރު ފެށި ދުވަހުން ފަށައިގެން، އެލްއޭ އެފްސީ އަށް ކުޅުނު ދުވަހާ ހަމަ އަށް އޭނާ އަށް ކުރެވުނު އެންމެހައި ކަންތަކާ މެދު ވެސް ފަޚުރުވެރިވާ ކަމަށެވެ.