ރެއާލް މެޑްރިޑްގައި ނުވަ އަހަރު ހޭދަ ކުރުމަށް ފަހު، ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް އެ ކްލަބު ދޫކޮށް އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ ލޮސް އެންޖެލެސް އެފްސީއާ ގުޅެން އެއްބަސްވެއްޖެއެވެ.

ބޭލް 32، ރެއާލް ދޫކޮށް އެމެރިކާގެ ކްލަބާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ބޭލް، އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމްގެ އިތުރުން ކާޑިފް ސިޓީއަށް ދާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވެއެވެ. އެކަމަކު، ބޭލްގެ ގާތް މީހަކާ ހަވާލާދީ ބުނި ގޮތުގައި ބޭލް ނިންމާފައި ވަނީ ލޮސް އެންޖެލެސްއާ ގުޅުމަށެވެ.

ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ބޭލް ރެއާލްމެޑްރިޑާ ގުޅިފައި ވަނީ 2013 ވަނަ އަހަރު 85 މިލިއަން ޕައުންޑްގެ އަގެއްގައެވެ. ބޭލް އެމެރިކާގެ ކްލަބަށް ބަދަލުވުމާ ގާތަށް ޖެހިލިއިރު، އިޓަލީގެ ޑިފެންޑަރު ޖޯޖިއޯ ކިއެލިނީ މި މަހުގެ ކުރީކޮޅު ވަނީ ޔުވެންޓަސް ދޫކޮށް ލޮސް އެންޖެލެސްއާ ގުޅިފައެވެ.

މި އަހަރު ފަހުކޮޅު އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްއިން ވޭލްސް އަށް ޖާގަ ނުލިބުނު ނަމަ އޭނާ ކުޅުން ހުއްޓާލަން ނިންމާފައި އޮތް ކަމުގެ ވާހަކަތަކެއް ވެސް ފެތުރެއެވެ. އެކަމަކު، ވޯލްޑް ކަޕްގެ ޕްލޭ އޮފްގައި ޔޫކްރެއިން ބަލިކޮށް ވޭލްސް އިން ވަނީ މުބާރާތުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އެމެރިކާގެ ލީގު ކުރިއަށް ދަނީ ފެބްރުއަރީ މަހުން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށެވެ.

އެމެރިކާގެ ލީގުގައި މިވަގުތު އެއް ވަނައިގައި އޮތް ކްލަބަކީ ވެސް ލޮސް އެންޖެލެލްސްއެވެ.