ރާއްޖޭގެ 10 އެތުލީޓަކާއި ތިން ކޯޗުން ތަމްރީނެއްގައި ބައިވެރިވުމަށް އިންޑިއާ އަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

މި އެތުލީޓުންނާއި ކޯޗުން އިންޑިއާ އަށް ފުރުމުގެ ކުރިން މާލޭގައި ހުންނަ އެކުވެނި ސިންތެޓިކް ދަނޑުގައި މިރޭ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ. ދިހަ އެތުލީޓަކާއި ތިން ކޯޗު އިންޑިއާ އަށް ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ ނެތާޖީ ސުބާޝް ސްޕޯޓްސް އޮތޯރިޓީގައި މި މަހުން ފެށިގެން އޮގަސްޓާ ހަމައަށް ހިންގާ ހަ މަސް ދުވަހުގެ އެތުލެޓިކް ކޭމްޕެއްގައި ބައިވެރިވުމަށެވެ.

އެތުލީޓުންނާއި ކޯޗުން ފުރުމުގެ ކުރިން ބޭއްވި ރަސްމިއްޔާތު. ---

މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބުނޫ މަހާވަރު އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހުމަދު ސަލީމާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އަހުމަދު އަޒީލްއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ ފިރިހެން އަދި އަންހެން އެތުލެޓިކް ޓީމާ ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތައް ވެސް ބައިވެރިވިއެވެ.

މިރޭގެ ހަފްލާގައި މަހްލޫފް ވާހަކަ ދައްކަވަނީ.

މި ރަސްމިއްޔާތުގައި މަހްލޫފް ދެއްކެވި ވާހަކައިގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. އޭގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 40 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓްއިން ރާއްޖޭގެ ހުރިހާ ހިސާބެއްގަައި ކުޅިވަރުގެ ދާއިރާގެ އުމްރާނީ ތަރައްގީއަށް ބޮޑު ބަދަލެއް ގެނެވިފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިންޑިއާ ސަފީރު ދެއްކެވި ވާހަކައިގައި މި ކޭމްޕަކީ ޒަމާނުއްސުރެ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ރަހްމަތްތެރިކަމާއި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހިވަމުންދާ ކަމުގެ ފުރިހަމަ މިސާލެއް ކަމުގައި ސިފަ ކުރެއްވިއެވެ.

އަދި މި ކޭމްޕުގެ ކަސްޓަމައިޒްޑް ޓްރެއިނިންގ މޮޑިއުލްތަކުގެ ސަބަބުން އެތުލީޓުންގެ ހުނަރުތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއާއި އެހެނިހެން ގައުމީ އަދި ބައިނަލްއަގްވާމީ އެކި އެކި އިވެންޓްތަކުން ކާމިޔާބު ނަތީޖާތަކެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މި ހަ މަސް ދުވަހުގެ ކޭމްޕަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޔޫތު މިނިސްޓްރީގެ އެދުމުގެ މަތިން އިންތިޒާމު ކުރެވިފައިވާ ކޭމްޕެކެވެ.

މިއީ 2017 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ސްޕޯޓްސް އޮތޯރިޓީގެ ފެސިލިޓީތަކުގައި ހިންގޭ ފަސް ވަނަ ޓްރެއިނިން ކޭމްޕެވެ. އެންމެ ފަހުން މިފަދަ ކޭމްޕެއް ހިންގިފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު ދިވެހި ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސްއުތް އޭޝިއަން ގޭމްސްގައި ގަދަ ތިނެއްގައި ވަނަތައް ހޯދައިފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އިންޑިޔާގެ އެކި ހިސާބު ތަކުގައި ދިރިއުޅޭ ވަރަށް ހުނަރުވެރި އެހެންނަމަވެސް ކުރިއެރޭނެ ގޮތެއް ނެތިފައި ތިބި ނިކަމެތި ، ފަގީރު އެތަށް އެތުލީޓުންނަކާއި ، ކޯޗުން އެބަތިބި. ކީއްވެ އެފަދަ ފަރާތް ތަކަށް އެހީތެރި ނުވެ ރާއްޖެއަށް މިހުރިހާ ފައިސާ އަކާއި ތަމްރީނުތަކެއް ތިޔަ ދެނީ..؟ މިސުވާލަށް އިންޑިޔާއިން ޖަވާބު ދޭންޖެހޭ..

  2. އަހްމަދު

    މަހޭ ކޮންއިރަކުންތަ އިންޑިއާއިން ހުޅުމާލޭގަ އަޅާފައެހެރަ ކުރިކެޓް ސްޓޭޑިއަމްހުޅުވަނީ

  3. ސައިނީސް

    ވަރަށް ރަގަޅު ފުރުސަތެއް އެސޯސިއޭސަން މިހޯދާދެއްވީ ، މިކަހަލަ ފުރުސަތުތައް އެހެން އެސޯސިއޭސަން ތަކަށް ނުހޯދޭތީ ވަރަށް ދެރަވޭ މިކަހަލަ ފުރުސަތުތައް ހޯ ދުމަށް މަސައްކަތް ކުރަން ގޮވާލަން ހުރިހާ ފަރާއްތަކަށް