މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި ލިއޮނަލް މެސީ، ސައުދީ ކުލަބުތަކުން ފާރަލުމާއި ގުޅިގެން ޕީއެސްޖީއާއެކު މެސީ ހަދާފައިވާ އެއްބަސްވުން އާކުރާނެ ކަމަށް ބޭރުގެ ރިޕޯޓްތަކުން ބުނެފިއެވެ.

ބީބީސީ ސްޕޯޓްސްގެ ރިޕޯޓްތަކުން ބުނާގޮތުން ސައުދީގެ އަލް ހިލާލް ކުލަބުން ވަނީ މެސީއަށް ބޮޑު އަގެއްގައި ކުލަބަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ. މެސީއާއި އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދާދި ފަހުން ސައުދީގެ އަލް ނަސްރު ކުލަބާއި ގުޅިފައެވެ. ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އެ ކުލަބުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ.

އަލް ޙެލައިފީ ބުނީ މެސީ ޕީއެސްޖީ ދޫކޮށްލާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އޭނާ ކުލަބު ދޫކޮށް ނުދާނެ ކަމަށާއި އެކަމަށް ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށެވެ.

” އަހަރެން ޝައްކެއް ނުކުރަން، މެސީ ކުލަބުގައި މަޑުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް.” އަލް ޚެލައިފީ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މެސީ ކުލަބުގައި ހުރީ ވަރަށް ހިތަހަމަޖެހިގެން އުފަލުން ކަމަށާއި ކުލަބުގެ ފަރާތުން މެސީއަށް މަދުވާނޭ ހަމަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން މެސީ ކުލަބު ދޫކޮށް ދާން ޖެހޭނޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޚެލައިފީ ބުންޏެވެ.

މެސީގެ ކޮންޓްރެކްޓް އާ ނުކުރާނަމަ އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި، މެސީ އަށް ބޭނުން ކްލަބަކާ އެކު ޕްރީ އެގްރީމަންޓެއްގައި ސޮއިކުރެވޭނެ އެވެ. އެއީ ޖުލައި އެއް ވަނަ ދުވަހު ރަސްމީކޮށް އެ ޓީމަކާ ކުޅޭ ގޮތަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީ އަށް މިހާރު ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމާ ގުޅޭ ގޮތުން މެސީއާއެކު އަނގަބަހުން އެއްބަސްވުމަކަށް އާދެވިފައެވެ. ނަމަވެސް އެއްބަސްވުން އައު ކުރަނީ ކިހާ މުއްދަތަކަށްކަމެއް އަދި މެސީގެ މުސާރައަށް އަންނާނެ ބަދަލެއް ނިންމާފައި ނުވާއިރު، އެ ނިންމުން ނިންމާނީ ވަރަށް އަވަހަށް ދެން އޮންނަ ބައްދަލުވުމެއްގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ޕީއެސްޖީން މިހާރު އަންނަނީ އެކަމާ ގުޅިގެން ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި މެސީ އަށް ޕީއެސްޖީ ޖޯޒީގައި މޮޅު ކުޅުން ދައްކަން އުނދަގޫވި ނަމަވެސް މި ސީޒަނުގައި އޭނާ އަންނަނީ ތަފާތު ފޯމެއްގައި ކުޅެމުންނެވެ. ޕީއެސްޖީއާ އެކު މި ސީޒަނުގައި މެސީ ވަނީ 20 މެޗުން 13 ގޯލު ޖަހައި، 14 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.