ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާއަށް ކާމިޔާބު ކުރެވުމަކީ ރަނގަޅު ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ އިން ވަނީ ވާދަވެރި ރެއާލް މެޑްރިޑު ބަލިކުރުމަށްފަހު ތަށި އުފުލާލައިފައެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދޫކޮށްލަން ބާސެލޯނާ އަށް ޖެހި، ޓީމު ދިޔައީ މާލީ ގޮތުން ވަރަަށް ބޮޑު ދަށް ކަމެއްގެ ތެރެއަށް ކަމަށެވެ.

އޭނާ ބުނީ ދިމާވި މާލީ މައްސަލައިގެ ސަބަބުން ބާސެލޯނާ އަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް ކުރިމަތިވި ކަމަށެވެ. އެހެންކަމުން އަލުން ޓީމަށް ރަނގަޅު ރޫޙެއް ގެނައުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޒަވީ ބުނީ ލިބުނު ކާމިޔާބީގެ ސަބަބުން ބާސެލޯނާ އަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބާސެލޯނާ އިން މަސައްކަތް ކުރަމުން އައީ ދިމާވި ކަންކަމުން އަރައި ގަތުމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

"މި މުބާރާތް ކާމިޔާބު ކުރެވުމަކީ ހަގީގަތުގައި ރަނގަޅު ފެށުމެއް. އަދި މިއީ ކުރިއަށް އޮތް ތަނުގައި އެހެން މުބާރާތްތައް ކާމިޔާބު ކުރުމަށް ލިބުނު އިތުރު ބާރެއް. މީގެ ކުރިން ބާސެލޯނާ އިން އައީ ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިލަމުން. ޓީމަށް އަލުން ރަނގަޅު ރޫޙެއް ގެނައުމަކީ ވެސް ފަސޭހަ ކަމެއް ނޫން. މި ކާމިޔާބީގެ ސަބަބުން ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަހަރަމެން މަސައްކަތް ކުރީ ދިމާވި ކަންކަމުން އަރައި ގަތުމަށް، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރަން ޖެހޭނެ،" ޒަވީ ބުންޏެވެ.

ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑު އަޅައިގެން ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ ބުނީ، ކޯޗެއްގެ ގޮތުގައި ތައްޓެއް ކާމިޔާބު ކުރެވުމުން ވެސް އުފާވާ ކަމަށެވެ. ޒަވީ ބުނީ ކުރިއަށް އޮތީ ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި މިވަގުތު ބާސެލޯނާ އޮތްއިރު، އެ މަގާމު ދަމަހައްޓަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޒަވީ ބުންޏެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ ވަނީ ބާސެލޯނާއާއެކު 25 ތައްޓެއް ކާމިޔާބުކޮށްފައެވެ.