ޕީއެސްޖީ އަށް ކުޅެމުން އަންނަ ކޮސްޓަ ރިކާގެ ގޯލް ކީޕަރު ކޭލޯ ނަވާސް ހޯދުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޭރުގެ ރިޕޯޓުތައް ބުނާ ގޮތުގައި ނަވާސް ހޯދުމަށް އަލް ނަސްރުން އަންނަނީ ޕީއެސްޖީއާއެކު މަޝްވަރާކުރަމުންނެވެ. ނަވާސް ހޯދުމަށް އަލް ނަސްރުން ބޭނުންވަނީ އެ ޓީމުގެ ގޯލު ބަލަހައްޓަމުން އައި ކޮލަމްބިއާގެ ޑޭވިޑް އޮސްޕިނާ ނެތްތަން ފޫބެއްދުމުގެ ގޮތުންނެވެ.

އަތުގެ ކުޑަ ހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮސްޕިނާ ސާޖަރީއެއް ހަދަން ޖެހޭ ކަމަށް އަލް ނަސްރުން ވަނީ ހާމަކޮށްފައެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ސާޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން އޮސްޕިނާ އަށް ޖެހޭނެއެވެ.

ރެއާލް މެޑްރިޑު ދޫކޮށް ނަވާސް ޕީއެސްޖީ އަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. ޕީއެސްޖީ އަށް ބަދަލުވެ ނަވާސް ވަނީ މިހާތަނަށް 107 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފައެވެ. ނަމަވެސް ޕީއެސްޖީން އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުންމާ ހޯދުމާއެކު ނަވާސް އަށް ފުރުސަތު ލިބެނީ މެދު މެޗުތަކެއްގައެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ނަވާސް އަށް ޕީއެސްޖީގެ ގޯލު ބަލަހައްޓަން ފުރުސަތު ލިބުނީ އެންމެ މެޗެއްގައެވެ. އެހެންކަމުން އަލް ނަސްރުން ނަވާސް ހޯދަން ބޭނުންވާ ދަނޑިވަޅެއްގައި އޭނާ އެ ކުލަަބަށް ބަދަލުވުމަކީ ގާތް ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީއާއެކު ނަވާސް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުއެވެ. ޕީއެސްޖީގައި ނަވާސް އަށް މުސާރައިގެ ގޮތުގައި ހަތަރު މިލިއަން ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ނަވާސް އަށް އެވަރުގެ މުސާރައެއް ދީފައި، މިހާރު އޭނާ ގެންދެވޭނެ ފެންވަރު އަލް ނަސްރުގައި ހުރި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަލް ނަސްރަށް ގޯލް ކީޕަރެއް ބޭނުންވެފައިވާ ވަގުތުގައި އެ ޓީމުގެ ކޯޗު ރޫޑީ ގާސިއާ އެދުނީ ނަވާސް ހޯދުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިހާތަނަށް ޕީއެސްޖީއާއި އަލް ނަސްރާ ދެމެދު އެއްވެސް އެއްބަސްވުމަކަށް އާދެވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.