ޕީއެސްޖީއާ ދެކޮޅަށް ސައުދީ އަރަބިޔާގެ އަލް ނަސްރާއި އަލް ހިލާލުން އެކުލަވާލެވޭ ޓީމުން ކުޅޭ ރަޙުމަތްތެރިކަމުގެ މެޗުގައި އެ ޓީމުގެ ކެޕްޓަނަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ނިންމައިފިއެވެ.

މިއީ ރެކޯޑު އަގަކަށް އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އެ ޓީމަށް ކުޅޭނެ ފުރަތަމަ މެޗެވެ. މީގެ ކުރިން އަލް ނަސްރުން ސައުދީ ލީގުގައި ކުޅުނު މެޗުތަކުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެއީ އޭނާ އަށް ކުރިމަތިވެފައިވާ ދެ މެޗުގެ ސަސްޕެންޝަންގެ ސަބަބުންނެވެ. އަލް ނަސްރާއެކު މިހާރު ގަވާއިދުން ފަރިތަކުރުންތަކުގައި ރޮނާލްޑޯ އަންނަނީ ބައިވެރިވަމުންނެވެ. ޕީއެސްޖީ މެޗަށްފަހު އަލް ނަސްރުން ލީގުގައި ދެން ކުޅޭ މެޗުގައި ވެސް ރޮނާލްޑޯ ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭ މެޗަކީ އަލް ނަސްރާއި، އަލް ހިލާލް އިން އެކުލަވާލެވޭ ޓީމަކާއި ޕީއެސްޖީއާ ދެމެދު ކުޅެވޭ މެޗެކެވެ.

އަލް ނަސްރުގެ ކޯޗު ރޫޑީ ގާސިއާ މީގެ ކުރިން ވަނީ އެ ޓީމަށް ރޮނާލްޑޯ ފުރަތަމަ ކުޅޭނެ މެޗަކީ ޕީއެސްޖީ މެޗުކަމަށް ބުނެފައެވެ. އެއަށްފަހު ލީގުގައި މި މަހުގެ 22 ވަނަ ދުވަހު އިއްތިފާގާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެންނާނެ ކަމަށް ކޯޗު ބުންޏެވެ. ޕީއެސްޖީ އާއި ދެކޮޅަށް އަލް ނަސްރު އަދި އަލް ހިލާލުން ކުޅޭ މެޗަކީ ރޮނާލްޑޯ އާއި ޕީއެސްޖީގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީގެ ވާދަވެރިކަން ވެސް ފެންނާނެ މެޗެކެވެ. މި ދެ ކުޅުންތެރިން ސްޕެއިންގައި ކުޅުނު ދުވަސްވަރު ވެސް ދެ ކުޅުންތެރިންގެ ވާދަވެރިކަން ވަރަށް ބޮޑަށް ފެނުނެވެ.

ޕީއެސްޖީ އާއި އަލް ނަސްރު އަދި އަލް ހިލާލް އިން އެކުލަވާލެވޭ ޓީމާއެކު ކުޅޭ މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.