އަލް ނަސްރު އަލް ހިލާލް އޯލް ސްޓާސް އާއި ޕީއެސްޖީ ކުޅުނުު އެކުވެރިކަމުގެ ފުޓުބޯޅަ މެޗު ޕީއެސްޖީން 5-4 ގެ ނަތީޖާއިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި ދުނިޔޭގެ ފުޓުބޯޅައިގެ ދެ ރަސްގެފާނުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ ވެސް ވަނީ ގޯލު ޖަހާފައެވެ. މިއީ ރެކޯޑު އަގަކަށް އަލް ނަސްރަށް ބަދަލުވި ފަހުން ރޮނާލްޑޯ އެ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އަލް ނަސްރުން ސައުދީ ލީގުގައި ކުޅުނު މެޗުތަކުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އެއީ އޭނާ އަށް ކުރިމަތިވެފައިވާ ދެ މެޗުގެ ސަސްޕެންޝަންގެ ސަބަބުންނެވެ.

ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޕީއެސްޖީއިންނެވެ. މިއީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި މެސީ ޖަހައިދިން ގޯލެކެވެ. މެޗުގެ 34 ވަނަ މިނެޓުގައި އަލް ރިޔާދު ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮނަލްޑޯއެވެ. ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބްރެޒިލްގެ ޑިފެންޑަރު މާކިއުނޯސް ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދުގެ ޓީމަށް އުންމީދު އާކޮށްދިނީ ރޮނަލްޑޯއެވެ. މިއީ ރޮނާލްޑޯ މި މެޗުގައި ޖެހި ދެވަނަ ގޯލެވެ. ފުަރަތަމަ ހާފު ނިމުނީ ވާދަވެރިކޮށް ދެ ޓީމު ކުޅެ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ރިޔާދު ޓީމުން ފެށީ ވަރުގަދަކޮށް ޓީމު ކުރިއަށް ޖައްސައިގެން ކުޅެމުންނެވެ. ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެމްބާޕޭ ނަގައިދިން ރީތި ހުރަހަކުން ރާމޯސް ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަލް ރިޔާދުން އޭގެ ހަތަރު މިނެޓުފަހުން ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ލިބުނު ކޯނަރަކުން ހިޔުންގް ސޫ ޖަންގް ކާމިޔާބުކޮށްދިން ގޯލެކެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް ކުރިއިރު ރޮނަލްޑޯ އާއި މެސީގެ އިތުރުން ޕީއެސްޖީ ޓީމުގައި ތިބި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން ވަނީ ދަނޑުން ބާލާފައެވެ.

އޭގެ ފަހުން ޕީއެސްޖީން ޑިފެންސްކޮށްގެން ކުޅެ ކައުންޓާ އެޓޭކެއްގައި 78 ވަނަ މިނެޓުގައި އެކިޓިކޭ ވަނީ ގޯލު ޖަހައިދީފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި އަލް ރިޔާދުން ޓީމަށް ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ އެންޑާސަން ޓެލިސްކާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    ލަދެއްގަ ނުބެދި ޕއސޖ ސަލާމަތްވެއްޖެ

    33
    6
    • އަސްލު

      އަސްލު ލަދުދޯ.

      18
      3
  2. Anonymous

    ރޮނާލްޑޯ ♥️

    26
    6