ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކުލަބު ވޮލީބޯލް ބަލިކޮށް ކުލަބު ވެމްކޯއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފިއެވެ.

މިދިޔަ އަހަރު ބޭއްވި އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ޓީމަކީވެސް ވެމްކޯއެވެ. ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗު ވެމްކޯއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާ މާލީގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ކުލަބް ވޮލީބޯލް ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ މި ސެޓު ވެމްކޯއިން ފަސޭހަކަމާއެކު 25-11 އިން ކާމިޔާބުކުރުމެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެން ކުލަބް ވޮލީބޯލް އިން ލީޑުގައި އޮވެ ކުޅުނުއިރު، މި ސެޓުގެ މެދުތެރެއިން ވެމްކޯއިން ވަނީ 12-12 އިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެކަމަކު ވެމްކޯ ކުޅުންތެރިންނަށް ކައިރިކައިރީ ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ލީޑުކޮށް ކުލަބް ވޮލީބޯލްއިން ވަނީ 25-22 އިން ސެޓު ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ކުލަބް ވޮލީބޯލްގެ ބިދޭސީ ކުޅުންތެރިޔާ ޓަނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ނަރީމާ އިދުރީސް (ނަންނި) އާއި ޝަމްހާ ރިޔާޒް (ޝަމްކޮ)ގެ އިތުރުން ޝާނިޔާ އަޙްމަދު ނިޒާމްގެ ކުޅުން ފާހަގަވިއެވެ.

މެޗުގެ ތިންވަނަ ސެޓުގައި ފެނިގެންދިޔައީ ވެމްކޯ ކުޅުންތެރިންގެ ތަޖުރިބާއެވެ. އަދި މި ސެޓުގައި ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާގެ އެޓޭކުތައް ފާހަގަވިއެވެ. މި ސެޓު ވެމްކޯއިން ގެންދިޔައީ 25-19 އިންނެވެ،

މެޗުގެ ހަތަރުވަނަ ސެޓުގައި ކުލަބް ވޮލީބޯލް ޓީމުން ފެނިގެންދިޔައީ ވަރަށް އާދައިގެ ގޮތަކަށެވެ. އޭގެ ފައިދާ ނަގާ ވެމްކޯއިން ވަނީ 25-14 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ޕްރަތީބާ އެެވެ. މިއީ ޕްރަތީބާ، ރާއްޖޭގެ ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، 2016 އާއި 2017 ވަނަ އަހަރު ފުވައްމުލަކު މިސްކިތްމަގު ޓީމާ އެކު ހޯދި އެވެ. އޭގެ ފަހުން، 2019 ގައި ޕޮލިސް ކްލަބުން ވެމްކޯ ބަލިކޮށް ގައުމީ ތަށި ހޯދިއިރު، ޕްރަތީބާ ވަނީ ފައިނަލުގައި ޕޮލިސް ޓީމަށް މޮޅަށް ކުޅެ، އެ ފަހަރުގެ ފައިނަލުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވިފަ އެވެ.