"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެެލެންޖްގެ ފައިނަލް މެޗްގައި މަންދީރާ ބޮޑުބެރު ގްރޫޕްގެ ޝޯވއެއް އޮންނާނެ ކަމަށް "ވަގުތު" އިން ބުނެފިއެވެ.

ފައިނަލް މެޗްގެ ނިންމުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައި ވަނީ 20:00 ގައެވެ. އަދި މެޗަށް ފަހު ވެސް އެއް ގަޑިއިރު ވަންދެން މަންދީރާ ބޮޑުބެރު ގްރޫޕްގެ ޝޯވ ކުރިއަށް ދާނެއެވެ.

އެވިޑް ކޮލެޖް ވަގުތު ފުޓްސަލް ޗެެލެންޖްގެ ފައިނަލް މެޗްގައި މަންދީރާ ބޮޑުބެރު ގްރޫޕް އިން ދޭ ޝޯގައި އެގްރޫޕްގެ ހުރިހާ ފަންނާނުން ބައިވެރިވާނެއެވެ. އޭގެތެރޭގައި މޯލްޑިވިއަން އައިޑޮލް އިން ބޮޑު ސަމާލުކަމެއް ހޯދި ނައުޝާދު ލަތީފް (ޒަރޭ) ވެސް ހިމެނެއެވެ.

އެވިޑް ކޮލެޖް ވަގުތު ފުޓްސަލް ޗެެލެންޖްގެ ފައިނަލް މެޗް އޮންނާނީ މާދަމާ ރޭ އައްޑޫ ސިޓީ ހިތަދޫ މަނިކު ދަނޑުގައެވެ. ފައިނަލް މެޗްގައި ބައްދަލު ކުރާނީ ރީތި އައްޑޫ އާއި ބޭރުމަތި އެވެ. ރީތި އައްޑޫ މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ މިދިޔަ އަހަރުގެ ރަނައަޕް މޯލްޑިވިއަން ބަލިކުރުމަށް ފަހުއެވެ. ބޭރުމަތި އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. އެޓީމް މިއަހަރު ފައިނަލަށް ދަތުރުކުރީ އުސްގަނޑަ ބަލިކޮށްފައެވެ.

އެވިޑް ކޮލެޖް "ވަގުތު" ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުން އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ވެސް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ވަގުތު" އިން އައްޑޫގައި ބާއްވާ ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ.

މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖެވެ. މޭޖާ ސްޕޮންސަރަކީ ކޮސްމެޓިކްސް ސާމާނު އޮންލައިންކޮށް ވިއްކާ "ޖެނެޓް އެމްވީ" އެވެ. ކޯ ސްޕޮންސަރަކީ ވެމްކޯ އެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ އާގަލާ މާޓެވެ.