ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި “ރ. އަތޮޅު އެލްކްލެސިކޯ”ކާމިޔާބުކޮށް އިނގުރައިދޫ އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އިނގުރައިދޫ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެޓީމާ އެންމެ ވާދަވެރި ދުވާފަރު ޓީމު ޕެނަލްޓީގައި ބަލިކޮށްގެންނެވެ.

ރ. އަތޮޅުގެ ލީގު ބުރުގައި އިނގުރައިދޫން ފަސޭހަކަމާ އެކު ދުވާފަރު ބަލިކުރި ނަމަވެސް އިއްޔެ ހަވީރު ފައިނަލުގައި ދުވާފަރުން ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

މެޗު ފެށިގެން ފުރަތަމަ ލީޑު ނެގީ ދުވާފަރެވެ. އެ ގޯލަކީ އިނގުރައިދޫގެ ގޯލްކީޕަރު އަހުމަދު އިހުސާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ދުވާފަރުގެ އާދަމް އިލްޔަސައު ޖެހި ގޯލެކެވެ. އޭގެ ފަހުން އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުން އިނގުރައިދޫ ނަގީޖާ ހަމަހަމަކުރި އިރު، އަހުމަދު އައިހަމް ޖެހި ގޯލުން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.

އިނގުރައިދޫ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އިސާމް ވަނީ ގޯލެއް ޖަހައި ދުވާފަރަށް ނަތީޖާ ހަަމަހަމަކޮށްދީފަ އެެވެ. އޭގެ ފަހުން މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ފަހަރަށް އިނގުރައިދޫން ލީޑުނެގީވެސް ހާއްޕެ ޖެހި ގޯލަކުންނެވެ. އެ ގޯލާއެެކު މޮޅުވެ، މެޗު ނިމެން ދަނިކޮށް 3-3 ން އެއްވަރުވީ ދުވާފަރުގެ އިޝާމް ޖެހި ގޯލުންނެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، އިނގުރައިދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. ދުވާފަރުގެ އެއް ޕެނަލްޓީ މިސްވެ، އިނގުރައިދޫ މޮޅުވީއެވެ.

ހާއްޕެއަށް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. އެއަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ރ. މީދޫގެ ރަޝާހު އަބްދުލް މަތީނެވެ. އޭނާ ވަނީ 10 ގޯލު ޖަހައިފައެވެ.

އިއްޔެ ހަވީރު ފ. އަތޮޅުގެ ފައިނަލުގައި ނިލަންދުއާއި މަގޫދޫ ވާދަކުރި އިރު، މެޗު މަގޫދޫން ޗެމްޕިއަންކަން ހޯދީ 2-1ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.