ތުރުކީގެ ފުޓްބޯޅަ ކުލަބު ބެސިކްޓާސް ގެ ސަޕޯޓަރުން، އާދީއްތަ ދުވަހު ތުރުކީގެ ވެރިރަށް އިސްތަންބޫލްގައި ކުލަބު ކުޅުނު މެޗުގެ ތެރެއިން އެތައް ހާސް ކުޅޭ އެއްޗެހި ދަނޑުމައްޗަށް އުކައިފިއެވެ.

އިސްތަންބޫލްގެ ވޮޑަފޯން ޕާކް ސްޓޭޑިއަމް އޮތި އެދުވަހުގެ މެޗުގައި 40000 ފޭނުންނާއިގެން ފުރާލާފައެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ކުޅޭ އެއްޗެހި ސްޓޭޑިއަމަށް ގެނެސް ދަނޑުމައްޗަށް އުކީ ކުލަބުގެ އެދުމަށެވެ. އެ ކުޅޭ އެއްޗެއްސަކީ ފެބުރުއަރީ މަހުގެ ކުރީކޮޅު ތުރުކީ-ސީރިއާ ބޯޑަރު ކައިރިއަށް އައި ނުރައްކާތެރި ބިންހެލުމުގައި ހާލުގައި ޖެހުނު ކުޑަކުދިންނަށް ހަދިޔާ ކުރުމަށްޓަކައި އެއްކުރި އެއްޗެއްސެވެ.

ތުރުކީގެ ސުޕަރ ލީގުގައި ބެސިކްޓާސް، އަންތާލްޔާސްޕޯރް އާއި ބައްދަލުކުރި މެޗަކީ، މިދިޔަ ނޮވެމްބަރު މަހު އިންތަންބޫލްގެ އިސްތިކްލާލް އެވެނިއު ގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ފަސްކޮށްފައިވާ މެޗެކެވެ.

ދަނޑު މައްޗަށް ކުޅޭ އެއްޗެހި އުކާފައި --- ފޮޓޯ: އޭޕީ

މެޗު ފެށިތާ 4 މިނެޓް ހިނގައި 17 ވަނަ ސިކުންތުގައި ވަނީ މެޗު ވަގުތީ ގޮތުން ހުއްޓާލުމަށްފަހު، ފޭނުންނަށް ދަނޑުމައްޗަށް ހަދިޔާތައް އުކުމަށް ފުރުސަތު ދީފައެވެ. ފެބުރުއަރީ 6 ވަނަ ދުވަހު ފުރަތަމަ ބިންހެލުން އައީ ތުރުކީ ގަޑިން ފަތިހު 4:17 ގައެވެ.

ގަޑި ހުއްޓާލުމާއެކު ސަޕޯޓަރުން ވަނީ ކަފަ އަޅާފައި ހުންނަ ފަދަ ކުޅޭ އެއްޗެއްސާއި، ސްކާފް ދަނޑުމައްޗަށް އުކާފައެވެ. އަދި އެއެއްޗެހި ހޮވުމަށްޓަކައި ދަނޑުމަތީގައި ތިބި ދެ ޓީމުގެ ކުޅުންތެރިންނާއި، ބެންޗުގައި ތިބި ކުޅުންތެރިންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

އެވަގުތު ސްޓޭޑިއަމްގެ ސްކޯބޯޑުން ދިޔައީ ބިންހެލުމުގައި ގެއްލުންވި ތުރުކީގެ 11 ޕްރޮވިންސްގެ ލައިސެންސް ޕްލޭޓްގެ ކޯޑުތައް ފެންނަމުންނެވެ.

"އަހަރެމެންގެ ފޭނުން ވަނީ، ބިންހެލުން އައި ސަރަހައްދުގެ ކުޑަކުދިންގެ ހިތްހަމަ ޖައްސައިދިނުމަށް އެކުދިންނަށް ހަދިޔާ ކުރުމަށް ސްކާފާއި، ބޮލުގައި އަޅާ ތޮތްޕާއި، ކަފަ ކުޅޭ އެއްޗެހި އުކާފައި. މި ހަރަކާތަށްޓަކައި އަހަރެމެންގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ބެސިކްޓާސް އިން ނެރުނު ބަޔާނެއްގައި ބުނެފައެވެ.

ތުރުކީ-ސީރިއާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 50000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި އެތައް އިމާރާތެއް ބިމާއި ހަމަވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ. މިހާރުވެސް ތުރުކީ އަށް ދަނީ ލޮޅުންތައް އައިސް ދޭތެރެ ދޭތެރެއިން ބާރުގަދަ ބިންހެލުންތައް އަންނަމުންނެވެ.