އާޖެންޓީނާގެ ގައުމީ ކެޕްޓަންގެ ފަރާތުން ނިމިދިޔަ ވޯލްޑް ކަޕުގައި އެޓީމުގައި ކުޅުނު ކުޅުންތެރިންނާއި އޮފިޝަލުންނަށް ރަން އައިފޯން 14 ހަދިޔާ ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބެންލިއޯން ނަމަކަށް ކިޔާ ވިޔަފާރިވެރިއެއް މެދުވެރިކޮށް މިދިޔަ ހޮނިހިރު ދުވަހު މެސީ ވަނީ އާޖެންޓީނާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭހެން 14 ފަރާތަކަށް ރަން އައިފޯނު 14ދީފައެވެ.

މި އައިފޯނުތަކުގައި 24ކެރެޓް ރަނުން ޖަރީކޮށްފައިވާއިރު، މި އައިފޯނު ތަކުގެ އަގު 175,000 ޕައުންޑަށް އަރާކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެއެވެ. އެފޯނުތަކުގައި ކޮންމެ ކުޅުންތެރިއެއްގެ ނަމާއެކު ޖާޒީ ނަންބަރުގެ އިތުރުން އާޖެންޓީނާގެ ލޯގޯ ވެސް ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

36 އަހަރަށް ފަހު އަޖެންޓީނާއަށް ލިބުނު ވޯލްޑް ކަޕަކީ އެކި ގޮތްގޮތުން މެސީއަށް ހާއްސަ ކާމިޔާބީއެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. ވޯލްޑް ކަޕަށް ނިކުތް އިރު މެސީއަށް ނުލިބިއިން ހަމަ އެކަނި ތަށީގެ ގޮތުގައި އިނީ ވޯލްޑް ކަޕުގެ ތައްޓެވެ. ވޯލްޑް ކަޕުގެ ތަށީގެ އިތުރުން މެސީ ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވެއެވެ. މީގެ އިތުރުން ނިމިދިޔަ ފީފާ ބެސްޓް އެވޯޑްގައި މެސީއަށް ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައެވެ.