ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިމަހު ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 16 ވަނަ އޭޝިއަން ކްރޮސް ކަންޓްރީ ޗެންޕިއަންޝިޕުގައި ބައިވެރިވާ ރައްޖޭގެ ގައުމީ ޓީމު އިއުލާން ކޮٍށްފިއެވެ.

މި ޓީމުގައި ހިމެނެނީ 3 އެތްލީޓުންނާއި އެއް އޮފިޝަލުންނެވެ.

16 ވަނަ ކްރޮސް ކަންޓްރީގައި ބައިވެރިވާ އެތްލީޓުންނަކީ މުހައްމަދު ފަވާޒު, ޔޫސުފް އިބްރާހިމް އަދި މުހައްމަދު އިރުފާން އެވެ. މި ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު އަބްދުﷲ އިބްރާހިމެވެ.

މިމުބާރާތުގައި ބައިވެރިވާ ހުރިހާ އެތްލީޓުން ވެސް ވާދަކުރާނީ 10 ކިލޯމީޓަރ އިވެންޓުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި މުބާރާތަށް ހޮވިފައިވާ އެތްލީޓުންނަކީ ފާއިތުވި ތިން މަސްދުވަހު ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވި 10 ކިލޯމީޓަރ އަދި ހާފް މެރަތަން އިވެންޓުތަކުގައި ބައިވެރިވި އެތްލީޓުންގެ ޓައިމިންގ އަށް ބެލުމަށް ފަހު ޓައިމިން އެންމެ ރަނގަޅު އެތުލީޓުން ކަމަށް ބެލެވެއެވެ.

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މި މަހު ހަތެއްގައި ފަށާ މި މުބާރާތުގައި ހަތަރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެއީ އޯޕަން ކެޓަގެރީގައި އަންހެން އަދި ފިރިހެން 10 ކިލޯމީޓަރ 20 އަހަރުން ދަށުގެ ފިރިހެން 8 ކިލޯމީޓަރ އަދި އަންހެން 6 ކިލޯމީޓަރ ދުވުމެވެ.