ޕްރިމިއާ ލީގުގައި މިރޭ ކުަޅުނު މެޗުތަކުން ލިވަޕޫލް އާއި މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ މިރޭ މޮޅުވީ އާސެނަލްއާ ބައްދަލުކޮށް 0-2 އިންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 14 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ސްޓާލިން މި ގޯލު ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ލީގުގައި ސްޓާލިން ކާމިޔާބުކުރި 50 ވަނަ ގޯލުވެސް މެއެވެ.

މި ގޯލަށްފަހު ވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ސިޓީން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން މަހްރޭޒް ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް އާސެނަލްގެ ކީޕަރު ޕީޓަ ޗެކް ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން ސިޓީގެ ޑިފެންޑަރު ލަޕޯޓް ފޮނުވާލި ހަމަލާއެއް ވެސް ޗެކް ވަނީ ދިފާއުކޮށްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގައި އާސެނަލްގެ ލަކަޒެޓް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ފުދޭވަރަކަށް ހުހަށް ހުރެ ލަކަޒެޓް ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ފުރުސަތުގެ ބޭނުން އާސެނަލް އަށް ނުހިފުނުއިރު މެންޑީ ދިން ޕާހަކުން މެޗުގެ 64 ވަނަ މިނެޓްގައި ބަނާޑޯ ސިލްވާ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ސިލްވާ ކާމިޔާބުކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސިޓީ މި މެޗުން މޮޅުވިއިރު، އާސެނަލްގެ ކޯޗު އުނާއި އެމްރީ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާގެ މައްޗަށް، އެންމެފަހުން ކުޅުނު 11 މެޗުން ވެސް ކުރި ހޯދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ސިޓީގެ އިތުރުން ލިވަޕޫލް މިރޭ މޮޅުވީ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާއި ބައްދަލުކޮށް 0-4 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އާއި ސަޑިއޯ މާނޭ (ދެ ގޯލު) އަދި ޑެނިއަލް ސްޓަރިޖްއެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާއެވެ. ސިޓީ ނިކުންނާނީ ހަޑަލްސްފީލްޑްއާ ދެކޮޅަށް ކަމަށްވާއިރު އާސެނަލް ބައްދަލުކުރާނީ ޗެލްސީއާއެވެ.