ހިންނަވަރު ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)ގެ މޮޅު ކުޅުމާއެކު ހިންނަވަރު ސްޕޯޓްސް ކުލަބުން މާފަރު އެފްސީ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.

ޅ.ހިންނަވަރު ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ހިންނަވަރު ޓީމުން ކާމިޔާބު ކުރީ 0-5 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާއެކު ތާވަލުގެ އެއް ވަނައިގައި ފައިދާ 3 ގޯލާއެކު މިވަގުތު އޮތީ ހިންނަވަރު ޓީމެވެ. ދެވަނައިގައި އޮތީ މުބާރާތުގެ ފުރަތަމަ މެޗު 0-2 އަކުން ހިންނަވަރު މައްޗަށް ކުރި ހޯދި ނައިފަރު ޗެލްސީއެވެ.

މިއަދުގެ މެޗު ފަށައިގެން ހިންނަވަރުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގައި ހިންނަވަރަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނީ މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއާއެކުއެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ހިންނަވަރުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 10 ވިޖާޒް އީސާ އެވެ. އޭގެ އަށް މިނެޓު ފަހުން ހިންނަވަރު ޓީމުން ހެދި ކައުންޓާ އެޓޭކެއްގައި ދަގަނޑޭ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ހިންވަރަށް ލީޑު ފުޅާކޮށްދިނެވެ.

ފުރަތަމަ ހާފު 0-2 ގެ ނަތީޖާއިން ނިމުނުއިރު، ދެވަނަ ހާފުގައި މާފަރު ޓީމުން އައީ ކުރިއަށް ޖައްސައިގެން ކުޅެމުންނެވެ. މާފަރު ޓީމުގެ އިރުޝާދު އަދުނާން އޭރިއާ ތެރެއަށް ގިނަ ބޯޅަ ތަކެއް ހުރަސްކޮށްދިން ނަމަވެސް ހިންނަވަރު ޓީމުން ވަނީ އެހުރަސްތައް ދިފާއު ކޮށްފައެވެ.

ހިންނަވަރު ޓީމުން ތިން ވަނަ ގޯލު ޖެހީ މެޗުގެ 54 ވަނަ މިނެޓުގައެވެ. މިއީ ދަގަނޑޭ ނަގައިދިން ރީތި ހުރަހަކުން ވިޖާޒް ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ޖެހި ހިތްގައިމު ގޯލެކެވެ. ހިންނަވަރު ޓީމުގެ 4 ވަނަ ގޯލު 87 ވަނަ މިނެޓުގައި ދަގަނޑޭ ޖެހީ މާފަރު ޓީމުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ކައިރި ކަނަށެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ހިންނަވަރު ޓީމަށް ހިލޭ ޖެހުމެއް ލިބުނެވެ. ލިލީ ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިނަތީޖާއާއެކު މާފަރު އެފްސީ އޮތީ ތާވަލުގެ ފުލުގައެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ އޮޅުވެލިފުށި ރޭމަންސް އަދި ނައިފަރު ޗެލްސީއެވެ.

މި މުބާރާތަކީ ހިންނަވަރުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތެވެ. މި އަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމެއްގެ ގޮތުގައި 60،000ރ. ވަނީ ހަމަޖައްސައިފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަކަށް 20،000ރ. ދިނުމަށް ވަނީ ނިންމައިފައެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ނައިފަރު ޗެލްސީއާއި، ހިންނަވަރު ސްޕޯޓްސް ކުލަބާއި، އެފްސީ މާފަރު، ނައިފަރު ސޮކާ ސްޓާ، އޮޅުވެލިފުށި އެފްސީއެވެ.