ސެވިއްޔާގެ މައްޗަށް 1-2 އިން ކުރި ހޯދައި ސްޕެނިޝް ސުޕަރ ކަޕް ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ،

މޮރޮކޯގެ ޓަންޖިޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސެވިއްޔާ އިންނެވެ. ލުއިސް މުރިއެލް ދިން ޕާހަކުން މި ގޯލު ސެވިއްޔާ އަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރާބިޔާއެވެ.

މި ގޯލަށްފަހު ބާސާ އިން ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ސުއަރޭޒް އާއި ބާސާގެ ޑިފެންޑަރު ލެންގްލެޓް ފޮނުވާލި ހަމަލާތައް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އަލްބާ ފޮނުވާލި ހަމަލާ ސެވިއްޔާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖެރާޑް ޕީކޭ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ނަގަން ސެވިއްޔާގެ ވަޒްކުއޭޒް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން އޭނާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އަނެއް ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ހާފުގައި ބާސާ އިން ގޯލްޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 78 ވަނަ މިނެޓްގައި އޮސްމާނޭ ޑެމްބެލޭ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ލީޑު ބާސާ އަށް ނަގާދީފައެވެ. ޑެމްބެލޭ މި ގޯލު ކާމިޔާބުކުރީ ސެވިއްޔާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗުގެ ފަހު މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ސެވިއްޔާ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބެންޔަޑާ ވަރަށް އާދައިގެ ގޮތަކަށް ފޮނުވާލި އެ ޕެނަލްޓީ ބާސާގެ ކީޕަރު ޓާ ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

މިއީ ބާސާ އިން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި މުބާރާތާއެކު ބާސާ އާއެކު މިހާތަނަށް އެންމެ ގިނަ ތަށި ހޯދި ކުޅުންތެރިޔާގެ ޝަރަފު އެ ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވަނީ ލިބިގެން ގޮސްފައެވެ. މެސީ ވަނީ ބާސާ އާއެކު މިހާތަނަށް 33 ތަށްޓެއް ކާމިޔާބުކޮށްފައެވެ.